މުނިފޫހިފިލުވުން

އަކްޝޭގެ "ލަކްސްމީ ބޮމްބް" އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ރިލީޒްކުރަނީ


ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު ވަރަށްވެސް ތަފާތު ރޯލަކުން ފެނިގެންދާ "ލަކްސްމީ ބޮމްބް" އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ރިލީޒްކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ސިނަމާތަކުގައި ރިލީޒް ކުރުމުގެ ބަދަލުގައި "ލަކްސްމީ ބޮމްބް" ރިލީޒް ކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ނިންމާފައިވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައެވެ.

މިއަހަރުގެ ފިތުރު ޢީދާ ދިމާކޮށް ރިލީޒްކުރާ ގޮތަށް ކުރިން ހަމަޖެހިފައިއޮތް "ލަކްސްމީ ބޮމްބް"އަކީ 2011 ވަނަ އަހަރު ރިލީޒްކުރި ބިރުވެރި ތަމަޅަ ފިލްމެއްކަމަށްވާ "ކަންޗަނާ" އަސްލަކަށް ބަލައިގެން އުފައްދާފައިވާ ފިލްމެކެވެ. ރަގްވާ ލައުރެންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ މެއި މަހުގެ 22 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރާގޮތަށް ހަމަޖެހުނު ފިލްމެކެވެ. ނަމަވެސް އިންޑިއާގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ފިލްމްގެ ޕްރޮމޯޝަނަލް ހުރިހާ މަސައްކަތްތަކެއްވެސް ވަނީ މަޑުޖެހިފައެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވާގޮތުން މި ފިލްމް ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒް ކުރުމަށް މިހާރު ހަމަޖެހިފައިވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް އޯގަސްޓްމަހުގެ 15 ވަނަ ދުވަހުއެވެ. އަދި ފިލްމްގެ ޕްރޮޑަކްޝަން މަސައްކަތްތައްވެސް ގާތްގަނޑަކަށް ވަނީ ނިމިފައެވެ.

އަކްޝޭގެ ކާމިޔާބު ފިލްމްތަކެއް މީގެ ކުރިންވެސް ވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ރިލީޒްކޮށްފައެވެ. އެގޮތުން 2016 ގައި ނެރުނު "ރުސްތުމް"، 2018 ގައި ނެރުން "ގޯލްޑް" އަދި 2019 ގައި ނެރުން "މިޝަން މަންގަލް" ވެސް ރިލީޒްކޮށްފައިވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށެވެ.

ބޮޑެތި ބަޖެޓްތަކާއެކު ހަދާ ފިލްމްތައް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ދެއްކުމުގެ ރައިޓްސް އާއްމުކޮށް އިންޑިއާގައި ވިއްކަނީ 60 އާއި 70 ކްރޯޑް ރުޕީސްގެ އަގެއްގައެވެ. އެވެސް ސިނަމާތަކުގައި ފިލްމް ދެއްކުމަށްފަހުއެވެ. ނަމަވެސް މި ފިލްމް އެފަދަ ޕްލެޓްފޯމެއްގައި އެޅުވުމަށް ގާތްގަނޑަކަށް 125 ކްރޯޑް ރުޕީސްގެ އަގެއްގައި ވިއްކާލާނެކަމަށް ބެލެވެއެވެ. ސަބަބަކީ ފިލްމަށް ތިއެޓްރިކަލް ރިލީޒެއް ލިބޭނެކަމަށް ނުބެލެވޭތީއާއި، ފިލްމަށް ކުރި ޚަރަދު ފޫބެއްދެން އޮތީ ބޮޑު އަގުގައި ވިއްކައިގެންކަމަަށްވާތީ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ވެބްސައިޓުތަކުގައި ބުނެފައިވެއެވެ.

މި ފިލްމުގައި އަކްޝޭގެ އިތުރުން ކިއާރާ އަދްވާނީ، ތުޝާރު ކަޕޫރު، ޝަރަދު ކެލްކަރް، ތަރުން އަރޯރާ އަދި އަޝްވަނީ ކަލްސޭކަރު މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ. ފިލްމުގެ ޝޫޓިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. އަދި ޝޫޓިން ނިންމާލާފައިވަނީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައެވެ. ރަގްވާ ލައުރެންސް ޑައިރެކްޓްކުރާ މި ފިލްމަކީ ހެއްވާ މަޖާ ކަންތައްތަކަކާއި، ބިރުވެރި ކަންތައްތަކެއްވެސް ދައްކުވައިދޭނެ ތަފާތު ފިލްމަކަަށްވެގެންދާނެ ކަމަަށް ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.