ޚަބަރު

ކޯވިޑް-19 : ވިޔަފާރިކުރާ ތަންތަން ހުޅުވޭނީ ހެނދުނު 9އިން ރޭގަނޑު 10އަށް


މާލެ ސަރަޙައްދުގައި ވިޔަފާރިކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތްދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ޢާންމުކުރައްވައިފިއެވެ.

މާލެ ސަރަޙައްދު ފުރަބަންދު ކުރުމާ ގުޅިގެން އެޅި ފިޔަވަޅުތައް ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތަކެއް ދެމުން އަންނައިރު މާދަމާއިން ފެށިގެން ހުރިހާ ވިޔަފާރިތަކެއް ހުޅުވާލުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ހުއްދަދެއްވައި، ވިޔަފާރި ކުރެވޭނެ ގަޑިތައް ޢާންމުކުރައްވާފައެވެ.

ވިޔަފާރިކުރާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި ކަނޑައެޅުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިޢުލާނުގައިވަނީ ޢާންމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ މުއްދަތުގައި، މިހާތަނަށް ޢަމަލުކުރަމުން އައި އުޞޫލަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ލުއި ދެއްވުމަށް ނިންމެވުމާ ގުޅިގެން ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވިޔަފާރިކުރާ ފަރާތްތަކުން، ކަސްޓަމަރުންނަށް ހުޅުވާލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު ނުވައަކުން ރޭގަނޑު ނުވައަކަށް ކަމަށާއި، ޑެލިވަރީގެ ޚިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު ނުވައަކުން ރޭގަނޑު ދިހައަކާ ހަމައަށް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޑެލިވަރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ކުރިން ނިންމީ ރޭގަނޑު އެގާރަ ޖެހުމާއި ހަމައަށެވެ. އެހެންކަމުން ޑެލިވަރީގެ ޚިދުމަތް ރޭގަނޑު ދިހައަކުން އެގާރައާ ދެމެދު ހުއްދަ ނަގައިގެން މެނުވީ ނުކުރެވޭނެކަމަށް ކުރިން ސަރުކާރުން ކަނޑައެޅި ކަނޑައެޅުން ބަދަލުކުރައްވައި، އައު އުސޫލުގެ ދަށުން ޑެލިވަރީގެ ޚިދުމަތް މިހާރު ދެވޭނީ ރެގަނޑު ދިހައެއް ޖެހުމާއި ހަމައަށެވެ.

އެޗްޕީއޭއިން ވަނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރިކުރާ ފަރާތްތަކާއި، ޑެލިވަރީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުންވެސް، ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.