ޚަބަރު

ކޯވިޑް-19 : ލުއި ދިނަސް، އިރުޝާދުތަކާ އެއްގޮތައް ޢަމަލުކުރޭތޯ ބަލާނަން - ފުލުހުން


މާދަމައިން ފެށިގެން މާލެ ސަރަހައްދުގެ ފުރަބަންދަށް ލުއިތައް ދޭ ވަގުތުތަކުގައި އެޗްޕީއޭ އިން ދެއްވާފައިވާ އިރުޝާދުތަކާ އެއްގޮތައް ޢާންމު ރައްޔިތުން އަމަލުތައް ބަހައްޓާތޯ މޮނިޓަރ ކުރަމުންދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ފުރަބަންދުގެ ޙާލަތުގައި އެޅިފަދަ ފިޔަވަޅުތައް މާދަމައިން ފެށިގެން ނޭޅިނަމަވެސް ރައްކާތެރިވުމުގެ ގޮތުން ޢާއްމު ތަންތަނުގައި ކުރަންޖެހޭ ކަންކަން ކަށަވަރުވޭތޯ ބެލުމަކީ ފުލުހުން ކުރާނެކަމެއްކަމަށް މިބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަސަން ނަވީން ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ޙާލަތު ބަދަލުވަމުންދާގޮތުގެ އެންމެ ފަހުގެ މައުލޫމާތު ދެއްވުމށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަވީންވަނީ، ފުރަބަންދުގެ ފިޔަވަޅުތައް ލުރިކުރުމަށް ނިންމާފައިވާ އުސޫލުގެ ތެރެއިން ހޯމަ ދުވަހުންފެށިގެން ފުލުހުންގެ ޚާއްސަ ހުއްދައަކާ ނުލައި ޢާންމުން ތަންތަނަށް ފަތިހު 5:00އިން ރޭގަނޑު 22:00އާ ހަމަޔަށް ޢާއްމުންނަށް ބޭރަށް ނުކުމެ އުޅެވޭނެކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތައް އަމަލުކުރުމަށް ނަވީސް އިލްތިމާސްކުރެއްވިއެވެ.

އޭނާ ވިދާޅުވީ ފުރަބަންދުގެ ފިޔަވަޅުތައް ލުއިކޮށްފައި އޮންނަ ވަގުތުތަކުގައި ފުލުހުން މަސައްކަތްކުރާނީ އެޗްޕީއޭގެ އިރުޝާދާއި އެއްގޮތައް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ފަރާތެއް ޖޫރިމަނާ ކުރުމާއި، ހައްޔަރުކުރުމާއި، މި ލޮކްޑައުންގައި އޮތްއިރު، ކުރަމުން ދިޔަ ބައިވަރު ކަންތައްތަކެއް ނުކުރާނެ. އެކަމަކުވެސް މީހުން ގިނަވާކަމުގައި ވަންޏާ، އެސަރަހައްދެއްގައި ހަރަކާތްތެރިވާ ފުލުހުން އެފަދަ ކަންކަން ނުކުރުމަށް ޢާންމުންނަށް ނަސޭހަތްތެރިވާނެ. ރިޕޯޓިން ބެކް މެކޭނިޒަމްއެއްގެ ތެރެއިން، އެޗްޕީއޭއަށް މާލެތެރޭގައި މީހުން ގިނަވާ ވަގުތާއި، ތަންތަނަށް، އަދި ވަކި ތަންތަނަށް އެއްވަނީ ކީއްކުރަން ކޮންބައެއްތޯ އަޅުގަނޑުމެން ދާނީ ބަލައި އަންގަމުން." ނަވީން ވިދާޅުވިއެވެ.

ލުއިތަކާއެކު ގިނަ ޢަދަދެއްގެ ބަޔަކު މަގުތަކަށް ނުކުތުމާއި، ވެހިކަލްތައް އިތުރުވެދާނެކަން ނަވީން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މިގޮތައް ނުކުންނައިރު ޓްރެފިކް ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހެދުމަށް ނަވީން އެދިވަޑައިގެންނެވިއެވެ. އަދި ބާރު ސްޕުޑުގައި ވެހިކަލްތައް ދުއްވުންފަދަ ކަންކަމުން ދުރުހެލިވުމަށް ނަވިން އިލްތިމާސްކުރެއްވިއެވެ.

ފުރަބަންދުގެ ޙާލަތުގެ ދުވަސްވަރު ވައްކަމާއި ފޭރުން ފަދަ ކަންކަން މަދުވިކަން ފާހަގަކުރައްވަމުން ނަވީންވަނީ، މިލިބޭ ލުއިތަކާއެކު ކޮންމެ މީހަކުވެސް އަމިއްލަ މުދަލާއި، ނަފުސުގެ ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.