ޚަބަރު

ޗައިނާއާއި ރާއްޖޭގެ ތަރިކަ ދައްކުވައިދޭ އެގްޒިބިޝަންތަކެއް އަންނަ އަހަރު ބާއްވަނީ


  • މި އެގްޒިބިޝަންތައް އޮންނާނީ އަންނަ އަހަރު ކުރީކޮޅު

  • ރާއްޖޭގެ އިތުރުން ޗައިނާގެ އެކި ސިޓީތަކުގައިވެސް މި އެގްޒިބިޝަންތައް ބާއްވާނެ

ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކަ ރައްކާތެރިކުރުމަށާއި، މި ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ޗައިނާގެ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްއާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދެވެ. އަދި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްގެ ޑިރެކްޓަރު ވަންގް ލޮންގްއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ކަމަކީ، މިއަންނަ އަހަރުގެ ކުރީކޮޅު ޗައިނާގެ ޓިއަންޖިން ނޭޝަނަލް މެރިޓައިމް މިއުޒިއަމްގެ ޚާއްސަ އެގްޒިބިޝަނެއް ރާއްޖޭގެ ދާރުލްއާސާރުގައި ބޭއްވުމެވެ. އަދި ރާއްޖޭގެ ޚާއްސަ އެގްޒިބިޝަނެއް ޗައިނާގެ ސިޓީތަކުގެ މިއުޒިއަމްތަކުގައި ބޭއްވުމަށްވެސް ވަނީ އެއްބަސްވެފައެވެ. މިއީ ރާއްޖޭގެ ދާރުލްއާސާރުން އިސްނަގައިގެން ޤައުމުން ބޭރުގައި މިފަދަ އެގްޒިބިޝަނެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ މި އެގްޒިބިޝަންތަކަކީ ކަނޑު ދަތުރުފަތުރާއި މެރިޓައިމް ދާއިރާ ކުރިއަރައިގެން ގޮތާއި، ޚާއްސަކޮށް އެންމެ ކުރީ ޒަމާނުން ފެށިގެން "މެރިޓައިމް ސިލްކް ރޫޓު" ގެ ތެރެއިން ރާއްޖެއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ތާރީޚީ ގުޅުމާއި ދަތުރުފަތުރުގެ މައުލޫމާތު ބައިނަލްއަގުވާމީ ދުނިޔެއަށް ހާމަކޮށްދިނުމުގެ މަޤުޞަދުގައި ބާއްވާ އެގްޒިބިޝަނެއްކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ ދިރާސާތައް ދެޤައުމު ގުޅިގެން ކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ތަރިކައިގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ފަންނުވެރިންނާއި މުވައްޒަފުންނަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި ތަމްރީނުތައް ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ސަގާފީ ތަރިކަ އިތުރަށް ދިރާސާކޮށް ރައްކާތެރިކޮށް ދެމެހެއްޓުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އެގްޒިބިޝަންތަކާއި ދިރާސާތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތާރީޚީ ތަރިކައިގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ވަރަށް ބޮޑަށް އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއަކީ މުއްސަނދި ތާރީޚެއް އޮތް ޤައުމެއްކަން ބައިނަލްއަގުވާމީ މައިދާނުގައި ހާމަކޮށް، ރާއްޖޭގެ ސަގާފަތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.