ޚަބަރު

ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެ ޖުމްލަ ޢަދަދު 2035އަށް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 22 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 2035 އަށް އަރައިފިއެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވްވެ ފައިވަނީ 9 ދިވެހިންނާއި، 9 ބަންގްލަދޭޝް މީހުންނާއި، ނޭޕާލް 2 މީހަކާއި، އިންޑިޔާ މީހެއްގެ އިތުރުން ތައިލެންޑް މީހެކެވެ. މިއާއެކު ރާޢްޖެއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުވަނީ 714 އަށް ތިރިވެފައެވެ. މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި 83 އަހަރުގެ މީހަކުވެސް ހިމެނެއެވެ.

ރާއްޖެއިން ކޯވިޑް-19އަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ފާއިތުވެދިޔަ 14 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 262 މީހުންނެވެ. މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 މީހުންނަށްވުރެ ދަށުގައެވެ.

20 މީހުންނަށްވުރެ ގިނައިން މިމަހުގައި ޕޮޒިޓިވްވެފައިވަނީ 6 ދުވަހުގައެވެ.
1 ޖޫން 2020 ގައި 56 މީހުން
4 ޖޫން 2020 ގައި 22 މީހުން
9 ޖޫން 2020 ގައި 26 މީހުން
10 ޖޫން 2020 ގައި 20 މީހުން
12 ޖޫން 2020 ގައި 27 މީހުން
14 ޖޫން 2020 ގައި 22 މީހުން

މި ބައްޔަށް މިހާރު ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 714 މީހުންނެވެ. އަދި 8 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލުގައެވެ. މިބަލި ޖެހުނު މީހުންގެ ތެރެއިން 65 އިންސައްތަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، 8 މީހުންވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. ފުރަބަންދުގެ ލުއިތަކަށް މާދަމައިން ފެށިގެން ބޮޑެތިލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ފަތިހު 5:00އިން ރޭނގަޑު 22:00އަށް ދިނުމަށް ވަނީ ނިންމާފައެވެ.