ޚަބަރު

ކޯވިޑް-19 : އައިޖީއެމްއެޗުން އޯޕީޑީގެ ޚިދުމަތް އަލުން ފަށަން ނިންމައިފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން މާލެ ސިޓީއަށް އިޢުލާން ކޮށްފައިވާ ފުރަބަންދަށް ލުއި ދިނުމުގެ 2 ވަނަ މަރުހަލާގެ ދަށުން އައިޖީއެމްއެޗްގެ އޯޕީޑީގެ ޚިދުމަތްތައް އަލުން ފެށުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ އެ ހޮސްޕިޓަލުން އޯޕީޑީގެ ޚިދުމަތް ފަށަން ނިންމީ ކޯވިޑް-19 ނޫން އެހެނިހެން ބަލިތަކުގެ މީހުންނަށް ލިބިދޭންޖެހޭ ފަރުވާ ފޯރުކޮށްދިނުމަކީ މިދަނޑިވަޅުގައި މުހިންމުކަމެއްކަމުގައި ވާތީކަމަށެވެ. ނަމަވެސް މިހާލަތަކީ ކޯވިޑް-19ގެ ނުރައްކާތެރިކަން ފިލައިގެން ގޮސްފައިވާ ހާލަތަކަށްނުވުމާއި، އަދިވެސް ކޯވިޑް-19 ފެތުރުމާއި ބަލީގައި ގިނަ ބަޔަކު ސީރިއަސްވުމުގެ ނުރައްކާތެރިކަން އަދިވެސް އޮތުމަކީ މިފަދަ ހިދުމަތްތަކަށް ހުޅުވާލާއިރުވެސް އެހޮސްޕިޓަލުން ސަމާލުކަންދޭނެ ކަމެއްކަމަށެވެ.

އޯޕީޑީ ޚިދުމަތްތައް ފެށިނަމަވެސް މިހާރު ކުރިއަށްދާ އޮންލައިން ކޮންސަލްޓޭޝަންގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށްވެސް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ. އޯޕީޑީއަށް އެޕޮއިންޓްމަންޓް ހެއްދުމުގައި ވަކި ޑޮކްޓަރަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ބަދަލުގައި އެޕޮއިންޓްމަންޓް ހެއްދޭނީ ބަލިމީހާ ދައްކަންޖެހޭ ޑިޕާޓްމަންޓެއްގެ ޚާއްޞަ ޑޮކްޓަރަކަށްކަމަށްވެސް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

އަދި ހުން އައުމާއި ރޯގާގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި ދައްކަންޖެހޭނީ ފްލޫ ކްލިނިކަށްކަމަށްވެސް އެއައިޖީއެމްއެޗް ވިދާޅުވެއެވެ. މީގެ އިތުރުން ފުރުބަނދަށް ލުއިދެވިފައިވީ ނަމަވެސް، ވޯޑްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރާތް ކުރުން އެހޮސްޕިޓަލުން ވަނީ މަނާކޮށްފައެވެ. އަދި ވޯޑްތަކުގައި އެޑްމިޓް ކޮށްފައިވާ ބަލިމީހުން ކައިރީގައި މަޑު ކުރެވޭނީވެސް އެންމެ އެހީތެރިއަކަށެވެ.

މީގެ އިތުރުން ބަލިވެގެން ޑޮކްޓަރަށް ދައްކަން ނޫންގޮތަކަށް ކުޑަކުދިން ހޮސްޕިޓަލަށް ނުގެނައުމާއި، ދުރާލާ ރޭވިގެން ކުރިޔައްގެންދިއުމަށް ހަމަޖެހިފައިވާ (ރޫޓިން) އޮޕަރޭޝަންތައް މެދުކަނޑާލައި، ހޮސްޕިޓަލަށް ވަންނަ ފަރާތްތައް ހުމާއި ރޯގާ ފަދަ ކޮވިޑްގެ އަލާމާތްތަކަށް ސްކްރީންކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.