ތިމާވެށި

ގުޅިފަޅު ހިއްކާ ސަރަހައްދުން 4500 އަށްވުރެ ގިނަ "ކޮރަލް ކޮލޮނީސް" ޝެރެޓަން ރިސޯޓަށް ބަދަލުކޮށްފި


ގުޅިފަޅު ބިން ހިއްކާ ސަރަހައްދުން 4500 އަށްވުރެ ގިނަ "ކޮރަލް ކޮލޮނީސް" ޝެރެޓަން ފުލް މޫން ރިސޯޓް ހިންގާ ފުރަނަފުށްޓަށް ބަދަލުކޮށްފައިވާކަމަށް އެ މަސައްކަތް ކުރަމުންދާ ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑުން ބުނެފިއެވެ.

ބޮސްކާލިސްގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ ފަރާތުން ނެރެފައިވާ "ގުޅިފަޅު ކޮރަލް ރީލޮކޭޝަން - އިންޓަރމީޑިއޭޓް އަޕްޑޭޓް" ރިޕޯޓުގައެވެ.

ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏަކީ ބިން ހިއްކުމާއި، ކަނޑު ފަޅުގައި ޤާއިމުކުރާ އެކި ބާވަތުގެ ޢުމްރާނީ ވަސީލަތުގެ މަސައްކަތްކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ. ގުޅިފަޅުގައި އިންޓަރނޭޝަނަލް ޕޯޓެއް ތަރައްޤީކުރުމަށްޓަކާ އެރަށުގެ ފަޅުން 192 ހެކްޓަރު ހިއްކުމުގެ މަސައްކަތް ސަރުކާރުން ބޮސްކާލިސްއާއި ޙަވާލުކޮށްފައިވަނީ 22 އޮކްޓޯބަރ 2019 ގައެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ހިއްކާ ސަރަޙައްދުގެ ފަރުތަކަށް ކުރާ އަސަރު ބަލާ، އެ ސަރަޙައްދުގައި ހުރި މުރަކަތަށް އެހެން ސަރަޙައްދަކަށް ބަދަލުކުރުމަކީ ކޮންޓްރެކްޓަރު ކުރަންޖެހޭކަމެއްކަމަށް އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި ބުނެފައިއެވެ.

ގުޅިފަޅު ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް ބޮސްކާލިސްއިން ކުރަމުންދަނީ "ރީފްސްކޭޕާސް" ނަމަކަށް ކިޔާ މެރިން ކޮންސަލްޓެންސީދޭ ބަޔަކާއި ހަވާލުކޮށްގެންނެވެ. ރީފްސްކޭޕާސް އިން ވަނީ ގުޅިފަޅު ހިމެނޭ ސަރަހައްދުގެ ކަނޑުއަޑީގައި ހުރި މުރަކަ ފަރުތަކުގެ ސިއްޙަތާއި، ބަޔޯމާސް އަދި އެހެން ތަނަކަށް ބަދަލުކުރެވޭނެ މުރަކަތަކުގެ އަދަދު ދެނެގަތުމަށް ޚާއްސަ މެރިން ސާރވޭއެއް ކޮށްފައެވެ.

މިމަސައްކަތުގެ ދަށުން ގުޅިފަޅު ބިން ހިއްކާ ސަރަހަައްދުގައި ހުރި މުރަކަތައް އެތަނުން ނެގުމަށްފަހު، އަލުން އިންދާ މުރަކަތައް އާލާކުރުމަށް ނިންމާފައިވަނީ މިހާރު ޝެރަޓަން ފުލް މޫން ރިސޯޓް ހިންގަމުންދާ ކ. ފުރަނަފުށީގެ ފަޅުތެރޭގައެވެ. ފުރަނަފުށްޓަށް މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް ރީފްސްކޭޕާސްއިން ފަށާފައިވަނީ މިދިޔަ މެއިމަހުގެ 29 ވަނަ ދުވަހުއެވެ.

މުރަކަތައް ބަދަލުކުރާ ސައިޓަކީ، މުރަކަ އިންދުމަށް ބޭނުންވާ "ހާޑް ސަބްސްޓްރޭޓްސް" މިސާލަކަށް ގައު ހުންނަ ސަރަހައްދަކަށްނުވާތީ، އެ ސައިޓުގައި މުރަކަ އާލާކުރަނީ 10 އާޓިފިޝަލް ޕިރަމިޑްތަކެއް ބޭނުންކޮށްގެންނެވެ. މިއިން ކޮންމެ ޕިރަމިޑެއްގައި 13 ފްރޭމް ހިމެނޭއިރު، ޕިރަމިޑެއްގައި 400 އެއްހާ ކޮރަލް ކޮލޮނީސް އިންދޭނެއެވެ. އެހެންކަމުން އެ ސައިޓުގައި "ބްރާންޗިން" ވައްތަރުގެ 4000 ކޮރަލް ކޮލޮނީސް އަދި "މެސިވް" ވައްތަރުގެ 1500 ކޮރަލް ކޮލޮނީސް އިންދޭނެކަމަށް ބޮސްކާލިސްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ބޮސްކާލިސްގެ ރިޕޯޓުގައި ގުޅިފަޅު ބިން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާގުޅޭ ބައެއް މަޢުލޫމާތުތައްވެސް ވަނީ އާއްމުކޮށްފައެވެ. އެގޮތުން މެއިމަހުގެ 29 އިން ފެށިގެން މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް 4591 ކޮރަލް ކޮލޮނީސް ފުރަނަފުށީ ސައިޓަށް ވަނީ ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ގުޅިފަޅު ފަޅުތެރޭ އިރުމަތީ ފަރާތުންނާއި، އުތުރު ފަރާތުން ނަގާފައިވާ މުރަކަތަކާއި، އެ ސަރަހައްދުގެ "ރީފް ފްލެޓް"އިން ނަގާފައިވާ މުރަކަތައްވެސް ހިމެނެއެވެ.

މުރަކަތައް ބަދަލުކޮށް އަލުން އާލާކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ލޮޖިސްޓިކް ގޮންޖެހުންތަކުގެ ސަބަބުން ފުރަނަފުށީ ސައިޓަށް ބަދަލުކުރެވޭނެކަމަށް ކުރިން ލަފާކުރި އަދަދަށްވުރެ، އެ ސައިޓަށް ބަދަލުލުކުރެވޭ މުރަކަތަކުގެ އަދަދު މަދުވުން އެކަށީގެންވާކަމަށް ބޮސްކާލިސްއިން އާއްމުކުރި ރިޕޯޓުގައި ބުނެފައިވެއެވެ.

ގުޅިފަޅު ހިއްކުމަށް ކުރިއަށްގެންދާ ބޮޑު ޕްރޮޖެކްޓާއެކު، އެ ސަރަހައްދުގެ ކަނޑާއި ފަޅުތަކަށް ގެއްލުންވެ، ގިނަ ޑަައިވް ޕޮއިންޓްތަކެއްވެސް ގެއްލިދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ. ނަމަވެސް ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ ތިމާވެއްޓަށް ގެއްލުންވާގޮތަށް ކުރިއަށްގެންދާ މަޝްރޫޢަކަށްވުމުގެ ފުރުސަތު ނުދޭނެކަމަށާއި، އެގޮތަށް ކަންކަންދާނަމަ އެކަމަށް އިސްލާހީ ފިޔަވަޅު އަޅުއްވާނެކަމަށް އެންވަޔަރަންމަންޓް މިިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢަކީ ވަރަށް ބޮޑަށް ދިރާސާކުރެވިގެން ކުރިއަށްދާ މަޝްރޫޢެއްކަމަށާއި، އެ ސަރަޙައްދުގެ ލޮނުގަނޑަށް އަންނަމުންދާ ބަދަލުތައް ކޮންމެ ދުވަހަކުހެން ކަމާބެހޭ ފަރާތްތަކުން ބަލަމުންދާކަން މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.