ޚަބަރު

އިތުރަށް ސަމާލުވޭ - ހޯމަ ދުވަހު ފުރަބަންދު އުވައެއް ނުލާ، އިތުރު ލުއިތަކެއްދެނީ


ހޯމަ ދުވަހުން ފެށިގެން ފުރަބަންދު އުވާލަނީ ނޫންކަމަށާއި، މިއީ އަޅާފައިވާ ފިޔަވަޅުތަކަށް ދެވޭ ލުޔެއްކަމުން އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީޤް އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ 15 ޖޫންގައި ދެވޭ ލުއިތަކަކީ ފުރަބަންދު އުވާލުން ކަމަށް ބައެއް ފަރާތްތަކަށް ހީވެފައިވާކަމަށެވެ. ނަމަވެސް އެދުވަހު ފުރަބަންދު އުވާލަނީ ނޫންކަމަށާއި، ނިންމާފައިވަނީ އެދުވަހުން ފެށިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް އެކަނިކަމަށެވެ. އަދި ފިޔަވަޅުތައް ލުއިކުރުމުންވެސް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް އަމަލުކޮށް، އަލުން ކޯވިޑް-19ގެ ކޭސްތައް އިތުރުވިޔަނުދީ ހިފެހެއްޓުމަށް ކުރިން ދައްކާފައިވާ މިސާލާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ޑރ ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ފުރަބަންދު 15 ޖޫން އިން ފެށިގެން އުވާލަނީކީ ނޫން އިތުރު ލުއިތަކެއް މިދެނީ. އުންމީދުކުރަން އާންމުން ކުރިންދިން އެއްބާރުލުން ދޭނެކަމަށް، އިރުޝާދުތަކާއި އެއްގޮތައް އަމަލްކުރާނެކަމަށް. ކުރިން ސަމާލުކަންދީފައިވާ ކަންތައްތަކަށް ބަލަންޖެހޭ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތައް އަދިވެސް އަމަލުކުރަންވާނެ. އެއްގޮތަކަށްވެސް ފުލުހުން ފިޔަވަޅު އަޅާފާނެތީ ނޫން މިކަންކަމަށް ސަމާލުވާންވީ. ބަލި އަލުން ފެތުރުނަ ނުދިނުން އެއީ އަމިއްލަ ޒިންމާއެއް އެންމެންގެ ރައްކާތެރިކަމަށް އެޅޭ" ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ މިދިޔަ ދެ ހަފްތާގައި ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމުން ބައެއް މީހުންގެ އަމަލުތައް ހުރީ ކަންބޮޑުވާ ގޮތަކަށް ކަމަށެވެ. އެގޮތުން މާގިނައިން އެކި ތަންތަނަށް ދިއުމާއި، ގޭގޭގެ ދޮރުމަތީގައި އެއްވެތިބުމާއި ގިނަ މީހުން ވާހަކަ ދައްކަން އެއްތަނެއްގައި ތިބޭ މަންޒުތައް ފެނިފައިވާކަމަށެވެ. ނަމަވެސް މިއީ އެންމެ ރަގަނޅު ގޮތް ނޫންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ގިިނަ ތަންތަނަށް ގޮސް އުޅެނިކޮށް ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ ކޮންޓެކްޓްވާ މީހުންގެ އަދަދު ގިނަވެ އިތުރު ބަޔަކަށް ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވާނެ ކަމަށެވެ.

އެހެންކަމުން 15 ޖޫން އަށްފަހުދޭ ލުއިތަކާއި އަދި ފުރަ ބަންދު އުވާލާ އާންމު ހާލަތަކަށް ދާއިރުވެސް މިހާރު އަމަލުކުރަމުންދާގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތައް ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނީ ބޭރަށް ނުދިއުމަށްވެސް ޑރ ނަޒްލާ އިލްތިމާސްކުރެއްވިއެވެ.