ޚަބަރު

ޤައުމަށް ފޮނުވާލި ބިދޭސީންގެ އަދަދު 10،000 ވުރެ މައްޗަށް


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖެއިން މިހާތަނަށް 10،000 ވުރެ ގިނަ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އޭޝިއާ ސަރަހައްދަށް ނިސްބަތްވާ 10879 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ އިންޑިއާގެ 3،384 މީހުންނާއި 2،924 ބަންގްލަދޭސް ރައްޔިތުންނާއި ލަންކާގެ 291 ރައްޔިތަކު ހިމެނެއެވެ. އަދި އިންޑޮނޭޝިއާގެ 808 ރައްޔިތަކާއި ފިލިޕީންސްގެ 336 ރައްޔިތަކާއި ތައިލެންޑުގެ 350 ރައްޔިތުންވެސް މި މުއްދަތުގައި ފޮނުވާލާފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އިމިގްރޭޝަނުން ވިދާޅުވީ އޭޝިއާގެ ޤައުމުތަކުން އަނބުރާ ފޮނުވާލި މީހުންގެ ތެރެއިން 95 އިންސައްތަ މީހުންނަކީ މަސައްކަތްތެރިންކަމަށެވެ. އަދި ބާކީ ތިބި މީހުންނަކީ ޓުއަރިސްޓް ވިސާގައި ރާއްޖޭގައި އުޅުނު މީހުންކަމަށެވެ.

އަނބުރާ ޤައުމަށް ފޮނުވާލި 2924 ބަންގަލަދޭޝް ރައްޔިތުންގެ ތެރެއިން 90 އިންސައްތަ އަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ މީހުންކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޯވިޑް-19 ރާއްޖެއިން ފެނުނު ފަހުން އިއްޔެގެ ނިޔަލަށް ޔޫރަޕަށް ނިސްބަތްވާ 2،091 މީހަކާއި އެފްރިކާއަށް ނިސްބަތްވާ 41 މީހަކު ފޮނުވާލާފައިވާކަމަށެވެ. އަދި މި އެންމެންނަކީ ފަތުރުވެރިންކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިހާތަނަށް ފޮނުވާލި މީހުން

  • 3،384 އިންޑިއާ ރައްޔިތުން
  • 2،924 ބަންގްލަދޭސް ރައްޔިތުން
  • 291 ލަންކާ ރައްޔިތުން
  • 808 އިންޑޮނޭޝިއާ ރައްޔިތުން
  • 336 ފިލިޕީންސް 336 ރައްޔިތުން
  • 350 ތައިލެންޑް ރައްޔިތުން

ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ސަރުކާރުން ވަނީ ޚާއްސަ މަސައްކަތެއް ފަށާފައެވެ.

މާލޭގައި ކޯވިޑް ބަލި ފެތުރެން ފެށުމާއިއެކު ބިދޭސީންނަކީ ބަލިމަޑުކަމުގައި ނުރައްކާ އެންމެ ބޮޑު އެއް އާބާދީކަމަށްވާތީ އެމީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ ތެރޭގައި މިބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ މިވަގުތުވެސް 40 ވުރެ ގިނަ ތަނެއް ކޮންޓެއިންމެންޓް ސައިޓްތައްކަމަށް ބަލާ ވަދެ ނިކުތުން މަނާކޮށް އެތަންތަން އަންނަނީ ބަލަހައްޓަމުންނެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބިދޭސީންނަށް ޚާއްސަ އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީން ފެސިލިޓީތައް ޤާއިމުކޮށް އެތަންތަނަށް ބިދޭސީން ބަދަލުކޮށް އަންނަނީ ބަލަހައްޓަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަލުން ރަޖިސްޓަރ ކުރުމަށްޓަކައި ޚާއްޞަ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެގޮތުން މިފުރުސަތުގެ ދަށުން 40 ހާހަށްވުރެ ގިނަ ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ޢާދޭސް

ޑީޕޯޓްބާ ކުރީ؟

ތަވްފީޤް

ރައްޔިތުންގެ ޓެކްސް ފައިސާއިން ތިބޭކާރު ޚަރަދުނުކޮށް ބޭރު މީހުން އެތެރެކުރި ފަރާތްތަށް ހޯދާ ފިޔަވަޅު އަޅާ އެމީހުން ލައްވާ ތިޚަރަދު ނުކުރެވޭނަމަ އެކަން ފަހަށް ބާއްވާ. މިހާރު ބޭރު މީހާ ގެންގުޅޭ ދިވެހި ފަރާތުގެ ނަމަށް އެމީހާ ބަދަލުކޮށް ގަވާއިދަށް ފައްތާ ވިސާ ދައްކަން ފުރުސަތު ހުޅުވާލުން ތިއަށްވުރެ ބުއްދިވެރި.