ޚަބަރު

ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފި


އެގާރަ އަހަރު ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 7 ދުވަސް އިތުރުކޮށްފިއެވެ.

މާލޭގެ ގެސްޓްހައުސްއެއްގައި 11އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެދަށުން، އިއްޔެގެ ވަގުތެއްގައެވެ. މި ޙާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފައި މިވަނީ، ތަޙްޤީޤު ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެކަމަށް އެދި ދަންނަވާފައިވަނިކޮށެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއިމެދު ޚާއްސަ އުސޫލުތަކަކަށް ޢަމަލުކުރާ ގާނޫނު" ގެ ދަށުން، މިފަދަ މައްސަލައިގައި ހައްޔަރުކުރާ މީހުން، ތަޙްޤީޤު ނިމެންދެން ބަންދުގައި ބޭތިއްބުމަށް ޕީޖީއަށް ހުށައެޅުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިދީފައެވެ. އަދި އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކަމަށް އެދި ކޯޓަށް ހުށައަޅުއްވާނީ ޕީޖީއެވެ.

މިއީ މިފަދަ މައްސަލަ އަކާއި ގުޅިގެން ވޭތުވެދިޔަ 5 އަހަރުތެރޭގައި މިފަދަ ނިންމުމަކަށް ޕީޖީ އޮފީހުގައި ފުލުުހުން އެދުނު ފުރަތަމަ ފަހަރުކަމުގައިވެސް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.

ޤާނޫނު ބުނާގޮތުން މިފަދަ ތުޙުމަތެއްގައި ހައްޔަރުކުރާމީހަކު ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީއަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރު ހޯދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށައަޅައިދިނުމަށްއެދި ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާތުގައި އެދެވިދާނެއެވެ. އަދި މިކަން ޕީޖީއިން ވިހާވެސް އަވަހަށް ބެލުމަށްފަހު، އެފަދަ އަމުރަކަށް އެދި ކޯޓަށް ހުށައަޅަންޖެހެއެވެ.