ޚަބަރު

ކުޅުދުއްފުށީގައި ދުއްވާފައި ދިޔަ ޕިކަޕެއްގައި އަލިފާން ރޯވެއްޖެ


ކުޅުދުއްފުށި ސިޓީގައި ދުއްވާފައިދިޔަ ޕިކަޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިއަދު ހަވީރު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދެކުނު ގޯޅިން އަމީނީމަގަށް ނުކުންނަނިކޮށެވެ. އެސަރަހައްދުން މަންޒަރު ފެނުނު ބައެއްމީހުން ބުނީ ޕިކަޕްގައި އަލިފާން ރޯވީ ޕިކަޕްގެ ތެރެއިން ބާރުއަޑެއް އިވުމަށްފަހު ކަމަށެވެ.

އެ ވަގުތުގައި ޕިކަޕްގެ ޑްރައިވަރުގެ އިތުރުން އެހެން މީހަކުވެސް އިންކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
މި ހާދިސާގައި އަލިފާން ރޯވީ ޕިކަޕްގެ އިންޖީނުގައެވެ. ރޯވި އަލިފާން ނިއްވާލާފައިވަނީ އެމްއެންޑީއެފުގެ ފަޔަރމަނުންނެވެ. މި ހާދިސާ ހިނގިއިރު ޕިކަޕްގައި އެއްވެސް މުދަލެއް އަރުވާފައެއް ނުވެއެވެ.