ވިޔަފާރި

މެދުކަނޑާލާފައި އޮތުމަށްފަހު މޯލްޑިވިއަންގެ ކޯލް ސެންޓަރު ޙިދުމަތްދޭން ފަށައިފި


މޯލްޑިވިއަންގެ ކޯލް ސެންޓަރު އަލުން ހުޅުވައި ޙިދުމަތްދޭން ފަށައިފިއެވެ.

ކޯވިޑް19އާ ގުޅިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރު ބަންދުކޮށްފައި ހުރުމަށްފަހު އަލުން ހުޅުވާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަނުން ބުނީ، އެ ކުންފުނީގެ ކޯލް ސެންޓަރުން ޙިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 9 އަށްކަމަށެވެ. މޯލްޑިވިއަންގެ ދަތުރުތައް ކުރަމުން އަންނަނީ ޑޮމެސްޓިކް އެއަރޕޯޓްތަކަށެވެ. އެގޮތުން އެ އެއަރލައިންގެ ދަތުރުތައް ހަފްތާއަކު 1 ފަހަރު ޑޮމެސްޓިކް އެއަރޕޯޓްތަކަށް ކުރާނެކަމަށް މޯލްޑިވިއަނުން ބުނެއެވެ.

ކޯވިޑް19އާ ގުޅިގެން މޯލްޑިވިއަންގެ ކޯލް ސެންޓަރު ބަންދުކުރި މުއްދަތުގައި އެ އެއަރލައިންގެ ޓިކެޓް ބުކިން ހެއްދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އީމެއިލް މެދުވެރިކޮށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަނުން ވަނީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް ވަގުތީގޮތުން މެދުވެސް ކަނޑާލާފައެވެ. ނަމަވެސް އެ އެއަރލައިންއިން އަލުން ޑޮމެސްޓިކް ފްލައިޓްތައް ރަމަޟާންމަހުގެ ތެރޭގައި ވަނީ ފަށާފައެވެ.

ކޯވިޑް19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނައުމަށްވެސް މޯލްޑިވިއަނުން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެއްޗާއި ސިއްހީ ސާމާނު ހުސްނުވެ ލިބޭނެގޮތް ކަށަވަރު ކުރުމަށް މޯލްޑިވިއަނުން ވަނީ ޙާއްސަ ދަތުރުތަކެއް ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކަށްކޮށްފައެވެ.