ޚަބަރު

ކޯވިޑް-19 : އިތުރު 40 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 40 މީހަކު ބަލިން ރަނގަޅުވެ، ރާއްޖެއިން ރަނގަޅުވި މީހުންގެ ޢަދަދު 1193 އަށް އަރައިފިއެވެ. މި ބައްޔަށް ރާއްޖޭގައި ފަރުވާ ހޯދަމުންދަނީ 800 މީހުންނެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަށްވުރެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދުވަނީ 625 އަށް އަރާފައެވެ. ރަނގަޅުވި މީހުންގެ ނިސްބަތް މިހާރު އުޅެނީ %60އަށްވުރެ މަތީގައެވެ. މި ބަލިން ރަނގަޅުވާ މީހުންގެ އިންސައްތަ މޭ މަހުގެ ނިޔަލަށް ދަށުގައި ހުރިނަމަވެސް މީހާރު މިޢަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒޓިވްވި ކުޑަކުދިންގެ ތެރެއިން 90 ކުދިން ވަނީ ބަލިން ރަނގަޅުވެފައެވެ. އެއީ 54 ފިރިހެން ކުދިންނާއި، 36 އަންހެން ކުދިންނެވެ. އިންސައްތައިން ބަލާނަމަ 20އަހަރުން ދަށުގެ %55އަށްވުރެ ގިނަ ކުދިން ވަނީ ބަލިން ރަންގަޅުވެފައެވެ. އެޗްޕީއޭއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި 20 އަހަރުން ދަށުގެ 163 މީހުންނާއި ކުދިން މިހާތަނަށް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19އިން ރަނގަޅުވާ މީހުން ދޫކޮށްލުމުގައި ބަލާ މިންގަނޑުތަކުގެ ތެެރޭގައި ބަލި ނެތްކަން ކަށަވަރުކުރުމަށް ހޭދަކުރަންޖެހޭ މުއްދަތުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޓެސްޓުތަކުގެ ނަތީޖާތައް ނެގެޓިވްވެ، ރޯގާއެއް ނުވަތަ އެނޫންވެސް ހުމުގެ ޢަލާމާތެއްވާނަމަ އެމީހަކު ދޫކޮށްލާނީ އިތުރު މުއްދަތަކަށް ބެލުމަށްފަހުކަމަށް އެޗްޕީއޭއިން ވަނީ ހާމަކުރައްވާފައެވެ.

މި މަހުގެ މިވީ 12 ދުވަހުގެތެރޭގައި ބަލިން ރަނގަޅުވި މީހުންގެ ޢަދަދުތަކަށް ބަލާއިރު 2 ދުވަހެއް ފިޔަވައި ހުރިހާ ދުވަހަކު 30 އަށްވުރެ ގިނައިން މީހުން ރަނގަޅުވެފައިވެއެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ރަނގަޅުވެފައިވަނީ މިމަހުގެ 10ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 111 މީހަކު ބަލިން ރަނގަޅުވެފައެވެ.

ދިފާޢީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށް ހަދާ ޕީސީއާރު ޓެސްޓު ނުހަދަން އެޗްޕީއޭއިން ވަނީ މިހާރު ނިންމަވާފައެވެ.