އިތުރު 27 މީހަކު މިއަދު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ މިހާތާނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 2003އަށް އަރައިފިއެވެ. މިޢަދު ޕޮޒިޓިވްވި 27 މީހުންނާއެކު މިމަހުގެ މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 230އަށް އަރާފައެވެ.
މިއަދު ޕޮޒިޓިވް ވެފައިވަނީ 14 ދިވެހިންނާއި ބަންގްލަދޭޝްގެ 12 މީހުންނާއި އިންޑިއާ މީހެކެވެ.
ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 800 މީހުންނެވެ. މީގެ ތެރެއިން 8 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިމަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންނަށްވުރެ ގިނައީ ބަލިން ރަނގަޅުވި މީހުންނެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު ފުރަބަންދާއި ގުޅިގެން އެޅި ފިޔަވަޅުތަކަށް މިހާރު މިވަނީ ލުއިތަކެއް ދޭންފަށާފައެވެ. އެގޮތުން ތިން ފިޔަވައްސަކަށް ބަހާލައިގެން ލުއިތަކެއް ދޭން ނިންމާ ފުރަތަމަ ފިޔަވަހީގެ ފިޔަވަޅުތައް އިޢުލާންކުރިތާ އިއްޔެއަށް ދެހަފްތާވެ، މިމަހުގެ 15ވަނަ ދުވަހުން ފެށިގެން ބޮޑެތިލުއިތަކެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުއްދައަކާ ނުލައި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ފަތިހު 5:00އިން ރޭނގަޑު 22:00އަށް ދިނުމަށް ވަނީ ނިންމާފައެވެ.
ފާއިތުވެދިޔަ 12 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 230 މީހުންނެވެ. މިމަހުގެ މިހާތަނަށް ކޮންމެ ދުވަހަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 20 މީހުންނަށްވުރެ ދަށުގައެވެ.
މާލެ ސަރަޙައްދުގައި އިތުރު ހުއްދައަކާ ނުލައި ރޭގަނޑު 22:00އާ ހަމައަށް ނުކުމެ އުޅެވުނު ނަމަވެސް އޭގެ ފަހުގެ ވަގުތުތަކަކީ ކާފިއު ޢިއުލާން ކޮށްފައި އޮންނަ ވަގުތުތަކެއްކަމުގައި ވަނީ ކަނޑައަޅާފައެވެ. މާލެ ސަރަހައްދުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށެވެ.
ހުއްދައަކާއި ނުލައި ނުކުމެ އުޅެވުނަސް އެޗްޕީއޭއިން ޢާންމުކުރައްވާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެކަމަށް އެޗްޕީއޭއއިން ހަމަކުރައްވައެވެ. އެގޮތުން ގެއިން ބޭރަށް ނުކުމެ އުޅުމުގައިވެސް 3 މީހުނަށްވުރެ ގިނައިން އެއްތަންގައި އެއްވެ ނޫޅުމާއި، ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކު އަޅައިގެން ތިބުމަށްވެސް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ.