ޚަބަރު

ކޯވިޑް-19 : ނޫސްވެރިންގެ މުހިންމު މަަސައްކަތަށް، ސަރުކާރުގެ ޝުކުރު


ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން މިހާތަނަށް ކުރި މަސައްކަތުގެ އެންމެ މުހިންމު ދައުރެއް އަދާކުރި އެއްބަޔަކީ ރާއްޖޭގެ މީޑީއާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ފުރަ ބަންދަށްފަހު ޢާއްމު ރައްޔިތުންނަށް ސައްޙަ މަޢުލޫމާތުނުދެވި އަދި ރައްޔިތުންނަށް އެގެންޖެހޭ މުހިންމު ކަންކަން ސާފުކޮށް މީޑިއާތަަކަށް ކިޔައިނުދެވުމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތައް ނުރައްކާތެރި ހާލަތަށް ވެއްޓިފައިވާ މަންޒަރު މިއަދު ފެންނަމުންދާކަމަށެވެ. އެހެންނަމަވެސް ކޯވިޑް-19ގެ މި ޙާލަތުގައި ރާއްޖޭގެ މީޑިއާގެ ފަރާތުން ފެނުނީ ޒިންމާދާރު ފުރިހަމަ މަސައްކަތެއްކަމަށާ، ޙާލަތު ރަނގަޅުވުމުގައި މީޑިއާގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

ކޯވިޑް-19އާ ގުޅިގެން ދިވެހި ސަރުކާރުން ދުވަހުންދުވަހަށް ކުރައްވަމުންދިޔަ މަސައްކަތްތަކާއި، ހޭދަތަކާއި، ޙާލަތު ރައްޔިތުންނަށް އަންގައިދިނުމަށް ނޫސްވެރިން ކުރި މަސައްކަތް މަބްރޫކް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ފިޔަވަޅުތަކާއި ކޯވިޑް-19އާ ގުޅިގެން ރައްޔިތުން އަމަލުކުރަންވީ ގޮތްތަކުގެ ޞައްޙަ މަޢުލޫމާތު ފެތުރުމުގައި މީޑިޔާތަކުން އަދާކޮށްފައިވަނީ ޝުކުރު ހައްޤު މަސައްކަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މިބައްޔާ ގުޅިގެން ރެއާއި ދުވާލު ރައްޔިތުން ހޭލުންތެރިކުރުވައި، ބޭނުންތެރި މަޢުލޫމާތު ފޯރުކޮށްދީ، ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދައިދިނުމުގައި މީޑިޔާތަކުން އަދާކުރި ޤައުމީ ޒިންމާއަކީ ރާއްޖޭގައި މިޙާލަތުގައި ކުރެވިދިޔަ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ފުރަބަންދުގެ ތެރޭގައި އަމަލުކުރަންޖެހޭ ގޮތްތަކާއި، ފުރަބަންދަށްފަހު އަމަލުކުރަންޖެހޭ ގޮތްތައް ސާފުކޮށް ކިޔައިދީ ރައްޔިތުންނަށް އޮޅުންފިލުވައި ދުމުގައި މީޑިޔާގެ ދައުރު އެންމެ ރަނގަޅުގޮތުގައި އަދާނުކުރެވުނު ޤައުމުތަކުގައި ވަރަށް ދެރަ މަންޒަރުތައް މިއަދު ފެންނަމުންދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ކުރިހާ ގައުމެއްވެސް ލޮކްޑައުންގެ ލުއިދޭއިރު އެންމެބޮޑަށް ބަލަނީ މިސްކޮމިނިކޭޝަނަށް. ޕަބްލިކް ކޮމްޕްލައިންސް، ނުވަތަ ރައްޔިތުން އުޅެންޖެހޭގޮތް ރައްޔިތުންނަށް ކިޔައިދިނުން، އަދި ރިސްކުހުރީ ކިހިނެތް އުޅުނީމަކަން، ރިސްކުތައް ދެނެގަތުން، އަދި މިކަމުގައި އިތުރަށް މައުލޫމާތު ލިބިގެން ޤައުމެއްގެ ގޮތުގައި ބަލިން އަރައިގަތުމަށް އެންމެބޮޑު ދައުރެއް އަދާކުރައްވަނީ މީޑިޔާގެ ފަރާތުން" މަބްރޫކް ވިދާޅުވިއެވެ.

ކޯވިޑް-19ގެ މިޙާލަތުގައި ރައްޔިތުންނަށް ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށް ރާއްޖެ އަމާން އައްސޭރިއަކަށް ގެންދިއުމުގައި އަމިއްލަ ފުރާނަ އަތްމައްޗައްލައިގެން މަސައްކަތް ކުރައްވާ ޞިއްޙީ ޚިދުމަތްތެރިންނަކީ ޤައުމީ ބަޠަލުންކަމުގައި މަބްރޫކް ސިފަކުރެއްވިއެވެ. އަދި މިއާކު ވޮލަންޓިއަރުންގެ ގޮތުގައި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތް ކުރެއްވި އާރުއާރުޓީޓީމުގެ މެމްބަރުންނާއި، ކޯލް ސެންޓަރާއި، އެކި މަސައްކަތުގައި ޝާމިލްވި އެންމެނަކީ އެބަޔަކަށްޓަކައި ޤައުމު ފަޚުރުވެރިވާނެ ބައެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

"ޑޮކްޓަރުން ނަރުހުން، ލެބޯރިޓީ ޓެކްނީޝަނުން، ޞިއްޙީ ޚިދުމަތްތެރިން. މިހުރިހާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި ކުރައްވާ ބުރަ މަސައްކަތަކީ އަޅުގަނޑުމެން އުފަލާއެކު ބަލައިގަންނަ ޚިދުމަތްތަކެއް. އާރުއާރުޓީ ޓީމް، ކޯލްސެންޓަރު، މިނޫންވެސް ހަމަ މިކަމުގައި ޝާމިލްވާ އެންމެނަށް އަޅުގަނޑުމެން ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރަން." މަބްރޫކް ވިދާޅުވިއެވެ.

މިވަގުތަކީ ރައްޔިތުންނަށް މިކަމުގެ މަޢުލޫމާތު އެންމެބޮޑަށް ބޭނުންވާ ވަގުތެވެ. ވަގުތުންވަގުތަށް ރައްޔިތުންނަށް އެއްވެސް އޮޅުމެއް ނާރާނެ ގޮތަކަށް މަޢުލޫމާތުތައް ހާމަކޮށްދިނުމުގައި މީޑިޔާތަކުން ދެމިތިބުމަށް މަބްރޫކްވަނީ ގޮވާލައްވާފައެވެ.