ޚަބަރު

ކޯވިޑް-19 : އަމާޒަކީ ޖުލައި މަހުގެ ތެރޭގައި ނިއުނޯމަލްއަކަށް ދިއުން


ކޯވިޑް-19އާ ދެކޮޅަށް ރާއްޖެއިން އެޅި ފިޔަވަޅުތަކާއިއެކު މިހާރު ޙާލަތު އޮތް ހިސާބުން ދެން މަސައްކަތް ކުރަނީ ޖުލައި މަހުގެ ތެރޭގައި އައު ޢާއްމު ޙާލަތަކަށް ރާއްޖެ ދިއުމަށް ކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ ކޯވިޑް-19 އިން ސަލާމަތްވެ ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ރާއްޖެއިން ހޯދިފައިވާ ކާމިޔަބީތަކަކީ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު ޢާއްމު ރައްޔިތުންގެ ދިން އެއްބާރުލުމުގެ ނަތީޖާކަމަށެވެ.

މާލެ ސަރަޙައްދުގައި ފާއިތުވެދިޔަ ފުރަބަންދުގައި ރައްޔިތުންގެ ފަރާތުން ފެނިގެން ދިޔައީ ކެތްތެރިކަމާއި، ކިޔަމަންތެރިކަމާއި އެއްބާރުލުންކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މި އެއްބައިވަންތަކަމަކީ ކުރިއަށްއޮތް ދުވަސްތަކުގައިވެސް މިޤައުމުން ފެންނަން އެދޭ މަންޒަރުކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

ބަދަލުވަމުންދާ ޙާލަތުގައި ދެވޭ ލުއިތަކާއިކު ރައްޔިތުންގެ ޢަމަލުތައް ބަހައްޓާގޮތަކުން މާލެ ސަރަހައްދާއި ރާއްޖޭގެ އެހެން ރަށްރަށްވެސް އަލުން ފުރަބަންދައް ދިއުމަކީ ވެދާނެކަމެއްކަން އަބަދުވެސް ވިސްނަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. ކޯވިޑް-19ގެ ނުރައްކާ އަދިވެސް ކުޑައެއް ނުވެއެވެ. އަދި މިބަލި ރާއްޖޭގައި އިތުރަށް ފެތުރުމުގެ ފުރުސަތުވެސް އެހާމެ ބޮޑެވެ. މި ހަޤީޤަތް އަބަދުމެ ހިތުގައި ބާއްވައިގެން ދިރިއުޅުމުގެ އެންމެހައި ކަމެއް ކުރިއަށް ގެންދިއުމަށް މަބްރޫކް އިލްތިމާސްކުރެއްވިއެވެ.

ސަރުކާރާއި، ކަމާގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ މިހާރު ދީފައިވާ ލުއިތަކާއެކު، އަންނަ ޖުލައިމަހުގެ ތެރޭގައި ރާއްޖެ އައު ޢާއްމު ޙާލަތަކަށް ބަދަލުކުރުމަށެވެ. އެހެންކަމުން މިއޮތް މަދު ދުވަސްތަކުގައިވެސް އައު ހިތްވަރަކާއެކު ރައްޔިތުންގެ ކެތްތެރިކަމާއި އެއްބައިވަންތަކަން އިންތިހާއަށް ބޭނުންވާނެކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުން އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއެއް އިރާދަކުރެއްވިއްޔާ ފެންނާނެ. އަޅުގަނޑުމެންނަށް ރަނގަޅަށް، މިމަސައްކަތް ކުރެވި، އިރާދަކުރެއްވިޔާ ޖުލައި މަހުގެ ތެރޭގައި ނިއު ނޯމަލަކަށްދިއުމަކީ އަޅުގަނޑުމެންގެ އަމާޒު. އެހެންނަމަވެސް މިއާއެކު ދިރިއުޅުމުގެ ވައްޓަފާޅި ބަހައްޓާ ގޮތަކުން އަނެއްކާވެސް، މާލެ އެކަންޏެއްނޫން، ވަކިވަކި ރަށްތައްވެސް ފުރަބަންދަން ދާންޖެހިދާނެ." މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން އެންމެފުރަމަ ކޯވިޑް-19 ފެނުމާއެކު ރާއްޖެއަށް މިބަލީގެ ނުރައްކާ އޮތް މިންވަރާއި މާލެއިން ބަލި ފެނިއްޖެ ޙާލަތެއްގައި ކަންކަން ގޯސްވާނެކަމަށް ބެލެވޭ ޙާލަތުތަކަށް ވިސްނަވައި ސަރުކާރުންވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

މިކަންކަމާއެކު އަޅުގަނޑުމެންނަށް މިހާތަނަށް ލިބުނު ކާމިޔާބީއަކީ މާތް ﷲގެ ހެޔޮރަޙުމަތުން، ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއެކު ލިބުނު ކާމިޔާބީއެއްކަން ތަރުޖަމާނު މަބްރޫކް ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. އަދި މިބަލިން މުޅިން އަރައިގަނެވުމުގެ ކޮޅުމަތި މިހާރު ފެންނަމުންދާއިރު، ދިވެހި ޑޮކްޓަރުންނާއި ރާއްޖޭގެ ޞިއްޙީ ޚިދުމަތްތެރިންގެ ވަރުބަލިކަމެއްނެތް އާދަޔާ ޚިލާފު މަސައްކަތަކީ ރާއްޖޭގެ ޙާލަތު ކޮންޓްރޯލެއްގެ ތެރޭގައި އޮވެ ރަނގަޅުވާންފެށި އެންމެބޮޑު އެއް ސަބަބުކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިހާރު މިއޮތް ހާލަތުގައިވެސް ވިސްނަންޖެހޭ ކިތަންމެ ކަމެއް އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ކޯވިޑް-19އަކީ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއްކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާނުލުމެވެ. ތިމާގެ ފަރާތުން އެހެން މީހުންނަށް މިބަލި ފެތުރިދާނެ އެންމެގައި ސަބަބެއް ނައްތާލުމަށް ކުރާ މަސައްކަތުގައި އަދިވެސް ދެމިތިބެން ޖެހެއެވެ.

"ތިބޭފުޅުން ވިސްނަވާ ބަލިޖެހުމުގައި އެބައޮތް ދެގޮތެއް. ތިމާގައިގައި ބަލި ހުންނާނެކަމަށް ގަބޫލުކޮށް އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުންއެކީ އެއްގޮތް. އަނެއްގޮތަކީ ބަލިތިމާއަށް ލިބިގަތުމުގައިވެސްހުރި ފުރުސަތުތައް ބަންދުކުރުން. މިބައްޔަކީ ދިރިއުޅޭ ގޮތް ބަދަލުކޮށްގެން އަޅުގަނޑުމެންނަށް ސަލާމަތްވެވެން އޮތް ބައްޔެއް" މަބްރޫކް ވިދާޅުވިއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ ބަލި މީހެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ މިއަހަރުގެ މާޗް މަހުގެ 7ވަނަ ދުވަހު ކުރެއްދޫ ރިސޯޓުންނެވެ.

އޭގެފަހުން ރިސޯޓުތަކުން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ފެންނަމުން އައިސް ދިވެއްސެއްގެ ގައިން އެންމެ ފުރަތަމަ މިބަލި ފެނުނީ މާޗުމަހުގެ 27ވަނަ ދުވަހުއެވެ. އެއީ އިނގިރޭސިވިލާތުގައި ދިރިއުޅުމަށްފަހު އެނބުރި ރާއްޖެއައި ޢުމުރުން 38 އަހަރުގެ މީހެއްގެ ގައިންނެވެ.

ތޮއްޖެހުން ބޮޑު ވެރިރަށް މާލެއިން މިބަލީގެ މީހަކު އެންމެ ފުރަތަމަ ފެނުނީ އޭޕްރީލް މަހުގެ 15ވަނަ ދުވަހުއެވެ. އެއަށްފަހު މާލެ ތެރޭގައި މިބަލި ހަލުވިކަމާއެކު ފެތުރެން ފެށިއެވެ.

މާލެއިން މިބަލި ފެނުމާއެކު މާލޭގެ ޙާލަތު ނުރައްކާވެދާނެ މިންވަރުގެ މައްޗަށް ކުރި ބައެއް އަންދާޒާތަކުގައި ވަނީ ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ ރާއްޖެއިން ބަލިޖެހޭ މީހުންގެ އަދަދު 70000އަށްވުރެ މައްޗަށް އަރާފާނެކަމަށެވެ.

ނަމަވެސް މާތްﷲގެ ހެޔޮރަޙުމަތުން އެންމެ ގުޅިގެން ކުރި ބުރަމަސައްކަތުގެ ނަތީޖާއަކީ މިއަދު އަޅުގަނޑުމެން މިތިބަ ޙާލަތެވެ. ބަލިޖެހުނު މީހުންގެ ޢަދަދު ކުރިން ލަފާކުރި މިންވަރާ ގާތަކަށްވެސް ނުދެއެވެ. ބަލިޖުހުނު މީހުންގެ ތެރެއިން %58 އަށްވުރެ ގިނަ މީހުންވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ. ދެން އޮތީ މިޙާލަތު އައު ޢާއްމު ޙާލަތާއި ޢާއްމު ޙާލަތަށް ދިއުމަށް ކުރަންޖެހޭ މަސައްކަތެވެ.