ޚަބަރު

ކޯވިޑް-19 : އައްޑޫސިޓީން ޕޮޒިޓީވް ކޭހެއް، އިންތިޒާރުކުރަނީ 2ވަނަ ސާމްޕަލްގެ ނަތީޖާއަށް


މާލެއިން އައްޑޫ ސިޓީއަށްދިޔަ މީހުންގެ ތެރެއިން އައްޑޫ އީކުއެޓަރ ވިލެޖްގެ ކަރަންޓީން ފެސިލިޓީގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނޭޝަނަލް އެމަނެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒްވަނީ މީހާ ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ. އައްޑޫ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ޢުމުރުން 65 އަހަރުގެ ދިވެހި އަންހެނެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައްޑޫސިޓީގެ މޭޔަރު ޢަބްދުﷲ ޞާދިގު ވިދާޅުވީ އައްޑޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ކޭހަކީ ރަށުން ބޭރުން އެތެރވިވި ކޭހެއްކަމަށެވެ. މިމީހާއަކީ މާލެއިން އައްޑުއަށްދިޔަ މީހުންގެ ތެރޭގައި ހިމެނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ދޫކޮށްލުމުގެކުރިން ނެގި ސާމްޕަލުން ޕޮޒިޓިވްވި މީހެއްކަމަށެވެ. އަދި މިމީހާގެ ފުރަތަމަ ޓެސްޓް ކޯވިޑް-19އަށް ޕޮޒިޓިވްވުމުން، ދެވަނަ ޓެސްޓެއް ހަދައި މާލެއަށް މިއަދު ސާމްޕަލް ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށެވެ.

މޭޔަރު ވިދާޅުވީ މިމީހާ ވަނީ 17 ދުވަސް ކަރަންޓީންގައި އޭނާގެ ދަރިފުޅާއިއެކު ހޭދަކޮށްފައިކަމަށެވެ. މިމީހާއަކީ ޢުމުރުންވެސް ދުވަސްވެފައިވާ މީހެކެވެ. މިވީ މުއްދަތުގެ ތެރޭގައި ކޯވިޑް-19ގެ އެއްވެސް ޢަލާމާތެއްވެސް އޭނާގެ ކިބައިން ފެނިފައެއް ނުވެއެވެ. އަދި އޭނާއާ އެއް ކޮޓަރިއެއްގައި ހުރި އޭނާގެ ދަރުފުޅުގެ ޓެސްޓު ނެގެޓިވްވެފައިވާކަމަށްވެސް މޭޔަރު ޞާދިޤު ވިދާޅުވިއެވެ.

"މިކޭހަކީ މާލެއިން އައްޑޫ ސިޓީއަށް އައި މީހުންގެ ތެރެއިން 17 ދުވަހުގެ ކަރަންޓީންގެ މުއްދަތުހަމަކޮށް، ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި މީހެއް. މިވީ 17 ދުވަހުގެ ތެރޭގައި އެއްވެސް އަލާމާތެއްފެނިފައިވެސް ނުވޭ. އަނެއްކާ އުމުރުންވެސް އެހާ ދުވަސްވެފައިވާ މީހަކަށްވާއިރު މިވީ މުއްދަތުގެ ތެރޭގައި އެއްވެސް ނިޝާނެއްވެސް ނުފެނޭ. ދެން މިބަލަނީ މިއަދު ނެގި 2ވަނަ ސާމްޕަލްގެ ނަތީޖާއަށް. މިނަތީޖާ އެގޭނީ މިއަދު އައްޑުއަށް އަންނަ ފްލައިޓުން ސާމްޕަލް ފޮނުވާ ނަތީޖާ ލިބުމުން" އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ޞާދިގު ވިދާޅުވި.

މޭޔަރު ވިދާޅުވީ މިމީހާއާއެކު އައްޑޫއަށް ދަތުރުކުރި އެންމެންގެ ސާމްޕަލްތަކުގެ ނަތީޖާވެސް ލިބިފައިވާކަމަށެވެ. މިއެންމެންވެސް ކޯވިޑް-19އަށް ނެގެޓިވްވުމުން، ކަރަންޓީނުން ދޫކޮށްލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އައްޑޫން ޕޮޒިޓިވްވި މީހާއަކީ މުޖުތަމައުގެ ތެރޭގައި އުޅެނިކޮށް ޕޮޒިޓިވްވި މީހެއްކަން ފާހަގަ ނުކުރެވޭތީ މިކަމުގެ ސަބަބުން އިތުރު އެއްވެސް ފިޔަވަޅެއް އެޅުމަށް އަދި ނިންމާފައި ނުވެއެވެ. އަދި މިކަމުގައި އެޗްޕީއޭއާއި ކަމާގުޅުންހުރި އިދާރާތަކުން ވަކި ގޮތަކަށް ޢަމަލުކުރުމަށް އަދި އަންގާފައި ނުވެއެވެ.

ކޯވިޑް-19އާ ގުޅިގެން މާލެސަރަހައްދު ފުރަބަންދުކޮށް ދަތުރުފަތު ކުރުން ހުއްޓާލުމާ ގުޅިގެން މާލޭގައި ތާށިވެފައިވާ އަތޮޅުތަކުގެ ގިނަބަޔަކު އެރަށްރަށަށް ފުރުވާލުމުގެ މަސައްކަތް އެލްޖީއޭއާއި، ކަމާއި ގުޅުންހުރި އެހެން އިދާރާތަކުންދަނީ ކުރަމުންނެވެ.

މިއަދު އައްޑޫސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މިހާތަނަށް އެސިޓީން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

މިމީހާއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް 1977 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މީގެތެރެއިން 1153 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 813 މީހުންނެވެ. މިބަލީގައި ރާއްޖެއިން 8 މީހުންވަނީ މަރުވެފައެވެ.