ވިޔަފާރި

ޝިޕިންގލައިންގެ ޙިދުމަތާއެކު ސިއްޙީ ސާމާނު ގެނައުމަށް ބޮޑު ފަސޭހައެއް


ޤައުމީ ޝިޕިންލައިންއިން ޙިދުމަތްތައް ފަށާފައިވުމުން ގިނަ ފައިދާތަކެއް ކުރި ކަމަށާއި އެކަމުގެ ސަބަބުން ލަންކާއިން ސިއްޙީ ސާމާނުތައް ގެނައުމަށް ގިނަ ފަސޭހަތެކެއް ވެގެން ދިޔަކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ ފިއުލް، ލޮޖިސްޓިކް އަދި ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދު މޫސާ ވިދާޅުވީ އަމިއްލަ ޝްޕިން ލައިނެއް އޮތުމުން އެމެޖެންސީކޮށް ރާއްޖެއަށް ގެންނަން ޖެހުނު ސިއްޙީ ސާމާނުތައް ގެނައުމަށް ފަސޭހަވިކަމަށެވެ.

ކޮންޓެއިނަރ ވިޔަފާރިއަށް ވަދެވުނު ވަގުތަކީ ވިޔަފާރީގެ ގޮތުން ބަލާނަމަ އެންމެ ރަނގަޅު ވަގުތު ނޫންކަމަށާއި އެހެން ނަމަވެސް ޝިޕިންލައިނަށް ރަނގަޅު ފައިދާއެއް ލިބެމުންދާކަމަށް ވާހިދު ވިދާޅުވިއެވެ.

"ރާއްޖެއަށް ޓައިމްލީކޮށް ބޭނުންވާ މުދާ ގެންނަން، ސަރުކާރުން ހަވާލުކޮށްފައި އޮންނަ ކުންފުންޏަކީ އެސްޓީއޯ ކަމަށްވާއިރު، އެވަގުތަކީ އެ އިންވެސްޓްމަންޓުގެ އެންމެ ބޮޑު ފައިދާއެއް ކުރަމުންދާ ވަގުތު، އެގޮތުން ލަންކާއިން މެޑިކަލް އިކުއިޕްމަންޓްސްތަކާއި، ކޯވިޑް ވިލެޖްތަކަށް ބޭނުންވާ ބެޑްސްތަކާއި، އަދިވެސް މިނޫން ވަރަށް ގިނަ އިކުއިޕްމަންޓްސްތައް ވަނީ ގެނެސްފައި،" ވާހިދު ވިދާޅުވިއެވެ.

ވާހިދު ވިދާޅުވީ މިދުވަސްކޮޅު ރާއްޖެއަށް މުދާ ގެންނަ މިންވަރު %30 - %40 ދަށްވެފައިވާކަމަށެވެ. ޝިޕިން ލައިންގެ ވިޔަފާރީގެ ގޮތުން ފައިދާތައް ވާން ފަށަން ގާތްގަނޑަކަށް 6 މަސް ނަގާނެ ކަން ވާހިދު ފާހަގަކުރެއްވިއެވެ. ޝިޕިން ލައިންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ރާއްޖޭގެ މެއިން ލައިންނާރސްއާއެކު އެއްބަސްވުންތައް ހެދި ކުންފުންޏަށް ފައިދާވަމުން ދާނެކަމަށް ވާހިދު ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭ ޙިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ 99.99 އިންސައްތަ އަދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 0.01 އިންސައްތަ ހިއްސާ ހިމެނޭ ކުންފުންޏެކެވެ.

އެސްޓީއޯގެ އަމިއްލަ ޝިޕިން ލައިނަކާއެކު ކުންފުންޏަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އެކުންފުނިން ލަފާކުރެއެވެ. މީގެ އިތުރުން ނުއަގުގައި ބޭރުގެ އާގުބޯޓުތައް ބޭނުން ކޮށްގެން ރާއްޖެއަށް މުދާ ގެނައުމުގައި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.