ޚަބަރު

ތާނަ މެލޯ : ލޯފަން މީހުންނަށް އޮންލައިންތަކުގައި ހުންނަ ތާނަ ލިޔުންތައް އަޑުއަހާލެވޭ އެޕެއް


ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް އޮންލައިންކޮށް ހުންނަ ދިވެހި ލިޔުންތައް އަޑުއަހާލެވޭ އެޕްލިކޭޝަނެއް އުފައްދައިފިއެވެ.

"ތާނަ މެލޯ"ގެ ނަމުގައި އުފައްދާފައިވާ މިއެޕްލިކޭޝަނަކީ ޔޫއެންޑީޕީ އާއި އުރީދޫން އިސްނަގައިގެން އެކިކަހަލަ އިނޮވޭޓިވް ޓެކްނޮލޮޖީ ތައްޔާރުކުރުމަށް ޒުވާނުންނަށް ބާރުއެޅުމަށް ކުރިޔަށް ގެންދިޔަ "މިޔަހެލި" ޕްރޮގްރާމަށް ހުށަހެޅި އެޕްތަކުގެ ތެރެއިން މިއަހަރުގެ އެންމެ މޮޅު އުފެއްދުމަށް ހޮވުނު އެޕްލިކޭޝަނެވެ. މިއުފެއްދުމަށް އޮސްޓްރޭލިއާގެ ސަރުކާރުން މިޔަހެލި ޕްރޮގްރާމްގެ ދަށުން ވަނީ އެއްބާރުލުން ދީފައެވެ.

މިއެޕް ތަރައްޤީކުރި ތާނަ މެލޯ ޓީމުން ބުނީ މިއީ ރާއްޖޭގެ ލޯފަން މީހުންނަށް އޮންލައިންކޮށް ތާނައިން ލިޔެފައި ހުންނަ ތަކެތި ނުކިޔޭތީ، އެފަދަ ފަރާތްތަކުގެ ހައްޤުގައި ތަރައްޤީކުރި އެޕެއްކަމަށެވެ. އަދި މިއީ ކޯވިޑް-19 ގެ މިހާލަތުގައި އޮންލައިންތަކުގައި ލިޔެފައި ހުންނަ އެކިއެކި ލިއުންތައް ލޯފަން މީހުންނަށް ކިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހެދި އެޕެއްކަމަށްވެސް އެޓީމުން ބުނެއެވެ.

ތާނަ މެލޯ އުފެއްދި ޓީމްގައި އިސްކޮށް ޙަރަކާތްތެރިވާ ހުސައިން ޝަރީފް ބުނީ ޓެކްނޮލޮޖީ އަކީ މުޖުތަމައުގައި ހުރިހާ ފަރާތްތަކެއްގެ ހައްޤުތައް ކަށަވަރުކުރުމަށް އެހީތެރިވެދޭ އެއްޗެއްކަމަށެވެ. އަދި މިއީ މިފަދަ ހާލަތްތަކުގައި މުޖުތަމައުގައި ހިނގާ މުހިންމު ކަންކަމުގައި ލޯފަން މީހުންގެ ބައިވެރިވުން އިތުރުކޮށް، ގޭގައި ތިބެގެން ކިޔެވުން ފަދަ ކަންކަން ކުރާއިރު، އެކަމަށް އެހީތެރިވުމަށް އުފެއްދި އެޕެއްކަމަށާއި މީގެ ބޭނުމަކީ ހުރިހާ އެންމެންނަށްވެސް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ހުސައިން ޝަރީފު ވަނީ ބުނެފައެވެ. މިއެޕް ގޫގުލް ޕްލޭސްޓޯރއިން ޑައުންލޯޑް ކުރެވޭނެއެވެ.