ޚަބަރު

މޭމަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައެޅުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވާނެ


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން މޭ މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.

މޭ މަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ހުށައެޅުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީއިން ކުރިން ހުޅުވާލާފައިވަނީ، މިމަހުގެ 7 ވަނަ ދުވަހާއިހަމައަށެވެ. މި ފުރުޞަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ މީހުންނަށް އެލަވަންސް ހޯދުމުގެ ފުރުޞަތު ދިނުމުގެ ގޮތުންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިކަމަށް އެދި އޮންލައިންކޮށް ފޯމް ހުށައެޅުމާއި، އަދި އޮންލައިންކޮށް ފޯމް ހުށައަޅަން ދަތިވާ މީހުން އެޕްލިކޝަން ފޯމް ފުރިހަމަކުރުމަށްފަހު އީމެއިލްގެ ޒަރިއްޔާއިން ހުށައެޅޭނެ އިންތިޒާމްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހަށެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ޢާމްދަނީއަށް އަސަރުކުރި މީހުންނަށް ދައުލަތުންދޭން ކަނޑައެޅި އިނާޔަތް 364 މީހަކަށް މިހާތަނަށް ވަނީ ދީފައެވެ. އެގޮތުން އެފަރާތްތަކަށް ދޫކޮށްފައިވާ ފައިސާގެ ޖުމްލަ އަދަދު 1.5 މިލިއަން ރުފިޔާއަށް އަރައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ނުވަތަ ޢިނާޔަތުގެ ގޮތުގައި އޭޕްރީލް މަހުން ފެށިގެން 3 މަސްދުވަހު، މަހަކު ފަސް ހާސްރުފިޔާ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.