ޚަބަރު

ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް ޝައުގުވެރިކަން ކުޑައެއް ނުވޭ- އެމްއެމްޕީއާރުސީ


ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތް އިރު ޤައުމު ޕްރޮމޯޓުކުރުމަށް ހުއްޓުމެއް ނެތި ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ އެމްޑީ ތައްޔިބް މުހައްމަދު ވިދަޅުވީ ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކުރިޔަސް، އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތަކާއެކުކުރަމުންދިޔަ މަސައްކަތްތައް ނުހުއްޓޭކަމަށެވެ. އަދި މިގޮތުން ހުރިހާ ފަރާތަކުންވެސް މަސައްކަތް ކުރީ އެއިރެއްގެ ހާލަތަށް ވިސްނައިގެންކަމަށް ތައްޔޮބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ ވާރޗުއަލްކޮށް އެތައް ހަރަކާތެއްގައި އެމްއެމްޕީއާރުސީން ބައިވެރިވިއިރު، ރާއްޖެ އަލުން ފަތުރުވެރިކަމަށް ހުޅުވާލުމަށް ވަމުންދާ ތައްޔާރީތައް ބޭރުގެ ފަރާތްތަކާއި ހިއްސާކުރިކަމަށެވެ. އަދި ޤުދުރަތީ ގޮތުން ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުގެ ސަބަބުން މިއީ ފަތުރުވެރިންނަށް ރައްކާތެރި ތަނެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް މަސައްކަތްތައް ބައްޓަން ކުރިކަމަށެވެ.

"މިދިޔަ ދެތިން ހަތަރު މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ނަތީޖާ އެބަފެނޭ. ގިނަ ބައެއް ތިބީ ރާއްޖެ އަންނަ ކެންމަދުވެފައި. މިއީ އެމްއެމްޕީއާރުސީއިން އެކަނި ކުރި މަސައްކަތެއް ނޫން. އިންޑަސްޓްރީގެ އެކި ފަރާތްތަކުން މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާ މިއީ. ރާއްޖެއަށް މީހުން އަންނަން ކެންމަދުވެފައިވާކަން އަންގައިދޭ އެތައް އާޓިކަލެއް އެބަފެނޭ. ވެބިނާޒް ތަކާއި، ބޭރުގެ ޓުއަރ އޮޕަރޭޓަޒްއާއި އެކު އޮންލައިންކޮށް ހިންގުނު ހަރަކާތްތައް. މިހަރަކާތްތަކުގެ ތެރެއިން ރާއްޖެ އަލުން ހުލުވާލާއިރު އެހެން ތަންތަނާ އަޅާކިޔާއިރު ރާއްޖެ ރައްކާތެރިވާ ސަބަބުވެސް ބުނެދެމުން މިދަނީ." އެމްއެމްޕީއާރުސީގެ އެމްޑީ ވިދާޅުވިއެވެ.

މީގެއިތުރުން ޖުލައިމަހު ފަތުރުވެރިކަމަށް ޤައުމު އަލުން ހުޅުވާލައިފިނަމަ 4 ލައްކައެއްހާ ފަތުރުވެރިން ގެނެވޭނެކަމަށް ކުރިން އަންދާޒާކޮށްފައި އޮތަސް، މިއަށްވުރެވެސް ގިނައިން ފަތުރުވެރިން ގެނެވޭނެކަމަށް އުންމީދުކުރާކަމަށްވެސް ތައްޔިބް ވަނީ ވިދަޅުވެފައެވެ.

"ފިނޭންސް މިނިސްޓަރ އަންދާޒާކޮށްފައި ތަފާތު ސިނޭރިއޯތަކެއް ބުނެފައި އޮތީ. ފަސް ސިނޭރިއޯއެއް ބުނި. ޖުލައިގައި ފަތުރުވެރިކަން ފެށިއްޖެއްޔާ ފިނޭންސް މިނިސްޓަރ ވިދާޅުވީ ބާކީ އޮތްތާގައި 4 ލައްކަ ފަތުރުވެރިން ގެނެވޭނޭ. އަޅުގަނޑު ބުނާނީ އެއަށްވުރެ މަތިން ލިބޭނޭ ފަތުރުވެރިން. ބޭއްވި ލައިވް އިވެންޓުގެ ނަތީޖާއިންވެސް އުންމީދު އިތުރުވި." ތައްޔިބް ވިދާޅުވިއެވެ.

ތައްޔިބް ވިދާޅުވީ އަލުން ފަތުރުވެރިކަން ހުޅުވާލާއިރު ރާއްޖެއަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ރާއްޖޭގެ ރިޒޯޓުތަކަކީ ވަކި ވަކި ރިޒޯޓުތަކަށް ވުންކަމަށެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިންނަށް ފަސޭހަވާނެކަމަށް ތައްޔިބް ވިދާޅުވިއެވެ.