ޚަބަރު

ކޯވިޑް-19 : ޗައިނާއިން ދޭ އެހީގެ ތިންވަނަ ޝިޕްމަންޓުގެ ސާމާނު ރާއްޖެ ގެނެސްފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ދޭ އެހީގެ ތިންވަނަ ޝިޕްމަންޓުގެ ސާމާނު ރާއްޖެ ގެނެސްފިއެވެ. މި އެހީއަކީ ދެ ޤައުމު ގުޅިގެން ރާއްޖެއަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ ސާމާނުގެ ލިސްޓަށް ބިނާކޮށް ގެންނަ ތަކެއްޗެވެ.

ޗައިނާއިން ރާއްޖެ ގެނައި ތިންވަނަ ޝިޕްމަންޓުގެ ތަފްސީލު އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލިޖޮންގް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މިފަހަރު ޗައިނާއިން ދިން އެހީގެ ސާމާނުގެ ތެރޭގައި ހިމެނެނީ، ފަސްހާސް މެޑިކަލް ޕްރޮޓެކްޓިވް ފޭސް މާސްކާއި، ފަންސާސް ހާސް ސާޖިކަލް މާސްކާއި ފަސް ހާސް ޑިސްޕޯސަބަލް ކަވަރޯލް އަދި ފަސް ހާސް މެޑިކަލް ގޮގުލްއެވެ.

ޗައިނާ ސަފީރު ކުރެއްވި ޓުވީޓް

ޗައިނާއިން ރާއްޖެއަށް ދިން މި އެހީއާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވާ ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ، ޗައިނާއަކީ ރާއްޖެ ހާލުގައި ޖެހޭ ކޮންމެ ވަގުތެއްގައިމެ އިސްވެ އެހީވާ ޤައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެވަގުތައް އެންމެ ބޭނުންވި ސިއްޙީ ސާމާނު, އެ ދަނޑިވަޅުގައި ވަގުތުން ޗައިނާއިން ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފައިވާކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ ކުރިންވެސް ޗައިނާ ސަރުކާރާއި، ޗައިނާގެ ބައެއް ކުންފުނިތަކާއި ހެޔޮ އެދޭ ފަރާތްތަކުން ވަނީ ރާއްޖެއިން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.