ޚަބަރު

5 ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ޒީނާއަށް، ފުރުސަތުދީފި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ސަބްކޮމިޓީއަށް 5 ދުވަހުގެ ތެރޭގައި ޖަވާބުދެއްވުމަށް ފުރުސަތުދީފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ސަބް ކޮމިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކޮމިޝަންގެ މެމްބަރު ޒީނާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވަނީ މިއަދުއެވެ. ސަބްކޮމިޓީގެ މެމްބަރު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ މިމައްސަލަޔަކީ ކުރިންވެސް ކޮމިޓީން ބަލަމުންދިޔަ މައްސަލައެއްކަމަށެވެ.

ޒީނާގެ މައްސަލަ މަޑުޖެހިފައިވަނީ އޭރު އޭނާ މެޓަރނެޓީ ލީވްގައި ހުރުމުން، ކޮމިޓީއަށް ވަޑައިގެން ޖަވާބުދެއްވުމަށް އުޒުރުވެރި ވުމުންކަމަށެވެ. ކޮމިޓީންވަނީ ކޮމިޝަނުގައި ހިމެނޭ ހުރިހާ މެމްބަރުންގެ މައްސަލަތައް ބަލައި ޖަވާބުދާރީ ކުރުވާފައެވެ.

މިއަދުން ފެށިގެން ބަންދުނޫން 5 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ލިޔުމުން ޖަވާބު ދެއްވުމަށް ޒީނާއަށްވަނީ ފުރުސަތު ދީފައެވެ. ސަބް ކޮމިޓީން ބަލަމުންދާ މައްސަލަ ނިމުމުން މިމައްސަލަ މައި ކޮމިޓީއަށް ފޮނުވުމަށްފަހު ގޮތްތަކެއް ކަނޑައަޅާނެކަމަށް ސަނީފް ވިދާޅުވިއެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވާ މައްސަލަތަކުގެ ތެެރޭގައި ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަކި ސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމުންފަދަ މައްސަލަތައް ހިމެނެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައިވާއިރު، ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ. އަދި ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ މަޤާމުން ވަކިކޮށްފައިވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ވޯޓެއްގައި ފާސްވުމުންނެވެ.