ޚަބަރު

ލިޔުމުން ޖަވާބުދާރީވުމަށް އާމިރާއަށް 5 ދުވަސް ދީފި


ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ފާތިމަތު އާމިރާ ވަކިކުރުމުގެ މައްސަލާގައި 5 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބު ދާރީވުމަށް އޭނާއަށް ފުރުސަތުދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދުވަނީ ބަންދު ދުވަސްތައް ނުހިމެނޭގޮތަށް 5 ދުވަހުގެ މުއްދަތެއް ލިޔުމުން ޖަވާބުދާރީވުމަށް އާމިރާ ދީފައެވެ. އާމިރާ ވަކިކުރަށް ކޮމިޓީން ނިންމައި، ޖަވާބުދާރީވުމަށް ފުރުޞަތު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް ދޮގުމައުލޫމާތު ދިންކަމަށްބުނެއެވެ. އާމިރާ އާއިގުޅޭ ގޮތުން ކޮމިޓީން ބަދަލުމުންދާ މައްސަލަތުގެ ތެރޭގައި ސޯޝަލް މީޑިޔާގައި ދަރުވާ އޯޑިޔޯއަކާއި ގުޅޭ މައްސަލައެއްވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

ކޮމިޝަންގެ މެމްބަރުކަމުން އާމިރާ ވަކި ކުރައްވަން ހުށަހަޅުއްވާފައި ވާއިރު މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ސިވިލް ސަރވިސް ކޮމިޝަންގެ 4 މެމްބަރެއްގެ މައްސަލަ ބަލައި އެކި ފަހަރުމަތީން އެބޭފުޅުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ކޮށްފައެވެ. އާމިރާ ފިޔަވައި ކޮމިޝަނުގައި ހިމެނި ވަޑައިގަންނަވާ އެހެން މެމްބަރުން ވަކިކުރުމަށް ނިންމައި އެކަން ކުރިއަށް ގެންދިއުމަށް އެމެމްބަރުން ލިޔުމުން ޖަވާބުދާރީވުމަށް އަންގަވާފަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ.ޢަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި މެމްބަރު އިބްރާހީމް ޝަހީޤާ ގުޅޭގޮތުން މިނިވަން މުވައްސަސާތަކާއިބެހޭ ކޮމިޓީން ބަލާފައި ވަނީ މައިގަނޑު 5 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެފައިވާ ނާއިންސާފު ގޮތްތަކުގެ މައްސަލަތަކާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީން އައްޔަންކުރުމުގައި ނުފޫޒުގެ ބޭނުންކުރުމާއި، ކޮމިޝަނުގެ ބައެއް މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހުރި މައްސަަލަތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލަމުންދާ މައްސަލަތަކުގައި ސިވިލްސަރވިސް ކޮމިޝަނުގެ 4 މެމްބަރުން ވަކިކުރަން ނިންމާފައިވަނިކޮށް، އެންމެ ފަހުން އެކޮމިޝަނަށް އައްޔަނުކުރެއްވި މެމްބަރު ފާތިމަތު އާމިރާ ވެސް މެމްބަރުކަމުން ވަކިކުރުމަށްޓަކައި ކޮމިޓީން ފާސްކޮށް މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.