ޚަބަރު

ކުޑަކުދިންވެސް ތިބީ ފުރަބަންދު ނިމޭނެ ވަގުތެެއްގެ އިންތިޒާރުގައި


ކޯވިޑް-19ގެ ސަބަބުން އެންމެ ދިގު މުއްދަތަކަށް ލޮކްޑައުންގައި ގޭގައިތިބީ ކުޑަކުދިންނެވެ. އެގޮތުން ކޯވިޑްގެ ފުރަތަމަ ކޭސް ރާއްޖެއިން މިއަހަރުގެ މާޗްމަހު ފެނުމާއެކު ކުޑަކުދިން ބޭރަށް ގެންދިއުން ބެލެނިވެރިންވަނީ ހުއްޓާލާފައެވެ. އަދި ސްކޫލްތަށް ބަންދުކުރުމާ ގުޅިގެންނާއެކު ދެމަހަށްވުރެ ގިނަ ދުވަސް ގޭތެރޭގައި ކެތްތެރިކަމާއެކު މިކުދިންވަނީ ހޭދަކޮށްފައެވެ. އަދި މިވަގުތުވެސް ގޭގައި ތިބި ހުރިހާ ކުދިންވެސް އެދެމުން އަންނީ ލޮކްޑައުންއަށް އަވަސް ނިމުމެއް އައުމެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ފުރަތަމަ ކޭސް މާޗު މަހު ފެނުނުއިރުވެސް ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންތިބީ ފުރަތަމަ ޓާރމްގެ މިޑް ޓަރމް ޗުއްޓީގައެވެ. އެހެންކަމުން ޗުއްޓީއަށްފަހު ކުދިން ސްކޫލްތަކަށް ފޮނުވުން ރައްކާތެރި ނޫންކަމަށް ބުނެ ބެލެނިވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ތަޖުރިބާކާރުންގެ މަޝްވަރާއާއެކު ސަރުކާރުންވަނީ ސްކޫލްތައް ބަންދުކޮށްފައެވެ. ކަންމިހެންއޮތްއިރު ލޮކްޑައުން އިއުލާންކުރުމުގެ މާކުރިން ކުދިންނަށް ވަނީ ބޭރަށް ނިކުތުމުގެ ފުރުސަތުތައް ބަންދުވެފައެވެ. މިގޮތަށް ގޭތެރޭގައި ގިނަ ދުވަހު ބަންދުވެފައި ތިބުމުން މިކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި ޖިސްމާނީ ހެދިބޮޑުވުމަށް ބޮޑެތި އަސަރުތަކެއް ކުރާކަމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ވިދާޅުވަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތު ޑިޕާޓްމަންޓްގައި މަސައްކަތްކުރައްވާ ސީނިއަރ ސޯޝަލް ސަރވިސް ވޯކަރ ފާތިމަތު ސޯފިޔާ ރަޝީދު ވިދާޅުވީ ކުޑަކުދިންނަށް މިދުވަސްވަރު ގިނަ ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށެވެ. އަދި މިގޮތަށް ކުދިންގެ ފަރާތުން ފެންނަ ބަދަލުތަކަށް ވަރަށް ކެތްތެރިކަމާއެކު ބެލެނިވެރިން ކުރިމަތިލުމަކީ މުހިއްމުކަމެއްގެ ގޮތުގައި ސޯފިޔާ ފާހަގަކުރެއްވިއެވެ.

ކުދިންގެ ކަންކަން ބަލަހައްޓަމުންދާ ބެލެނިވެރިންވެސް އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ސޯފިޔާވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކުދިންނަށް ރަނގަޅު ގޮތުގައި އަޅާލެވޭނީ ބެލެނިވެރިންވެސް ނަފްސާނީ ގޮތުން ދުޅަހެޔޮބަޔަކަށްވެގެންކަން ސޯފިޔާ ފާހަގަކުރެއްވިއެވެ.

ކާމިޔާބު ކުއްޖަކަށް ވުމަށް ސްކޫލް މާޙައުލަކީ މުހިއްމު ދައުރެއް އަދާކުރާ ތަނެކެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޢައިޝަތު އާތިޔާ ނަސީރު ވިދާޅުވީ ފުރަބަންދާއެކު ސްކޫލްތައް ބަންދުވެގެން ދިޔުމުގެ ސަބަބުން ކުދިން މުޖުތަމަޢަށް ނިކުތުމަށް ދަސްކުރާ ގިނަ ކަންތައްތަކެއް ދަސްކުރުމަށް ހުރަސް އެޅިފައިވާކަމަށެވެ. އެގޮތުން ދޭދޭ މީހުންނާ މުޢާމަލާތު ކުރުމާއި ގުޅިގެން މަސައްކަތްކުރުމާއި ސުލޫކު ދަސްކޮށްދިނުމަށް ޚާއްސަ ހުނަރުތަކެއް ބޭނުންވާ ކަމަށާއި ހޯމް ސްކޫލިންއަކީ ކޮންމެ ބެލެނިވެރިއަކަށްވެސް ކުއްލިއަކަށް ކުރަން ފަސޭހަކަމެއް ނޫންކަމަށެވެ.

އަޑު: "ކުދިން ސްކޫލަށް ގޮސްގެން ދަސްކުރަނީ ހަމައެކަނި ފިލާވަޅެއް ނޫން. ކުދިންގެ ވިސްނުން ތަރައްޤީވުން، ސިކުނޑިތަރައްޤީވުން ވަރަށް ބޮޑަށް ގުޅިފައި އޮންނަނީ އިޖުތިމާޢީ ގުޅުންތަކުގެ މައްޗަށް. އެއްކުއްޖަކު އަނެއް ކުއްޖަކާ ކުރާ މުޢާމަލާތްތަކާއި އިހުސާސްކުރެވޭ އުފާވެރިކަމާއި ރުޅިއާއި މިފަދަ ކަންކަމުގެ ސަބަބުން ކުދިންގެ ސިކުނޑި ހެދިބޮޑުވުމަށް ވަރަށް ބޮޑަށް ދަސްކުރޭ. މާނައަކީ ވަރަށްބޮޑަށް ކަންކަން ދަސްކުރެއޭ. ސްކޫލް ބަންދުވުމާ ގުޅިގެން ދެންނެވޭނީ މިކަންކަމުގެ ސަބަބުން ވަރަށް ބޮޑަށް އަސަރުކުރޭ. ޚާއްސަކޮށް ޕްރީ ސްކޫލަށް ދާ ޢުމުރު ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރު ބޮޑު" އާތިޔާ ވިދާޅުވިއެވެ.

މިހާރު އޮތް ފުރަބަންދުގައި ކުދިންނާއި ސްކޫލްތަކާއި ދެމެދު އޮތް ގުޅުން އެއްކޮށް ކެނޑުނަ ނުދިނުމަށް ގިނަ މަސައްކަތްތައްކެއް ކުރައްވަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ކުޑަކުދިންނަށް އަމާޒުކޮށްގެން ޕީއެސްއެމްއާ ގުޅިގެން ކުރިއަށްގެންދާ ކޮއްކޮމެންގެ ޓެލިކިލާސްއަށްބޮޑު ތަރުހީބެއް ލިބެމުން އަންނަކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ. ހަމައެއާއެކު ކުދިންނަށް ޓީޗަރުން ގުޅާ އެކުދިންގެ ޙާލު ބެލުމުގެ ކަންކަންވެސް ކުރިއަށް ގެންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ކުދިން މިދަނޑިވަޅުގައިތިބީ ބަސްއަހައިގެން ގޭގައެވެ. ކުދިން ގޭގައި އެހާ ދިގުމުއްދަތަކަށް ތިބެން ޖެހުމުގެ ސަބަބުން ނަފްސާނީ ގޮތުން ކުރިމަތިވަމުން އަންނަ ކަންކަމާއި ބެލެނިވެރިން އަންނަނީ ހިތްވަރާއެކު ކުރިމަތިލަމުންނެވެ. ކުދިން ގޭގައި ހޭދަކުރާ ވަގުތަކީ ކުދިން ހިތްހަމަޖެހޭ ބޭނުންތެރި ވަގުތަކަށް ހެދުމަށް ބެލެނިވެރިން ކުރައްވަމުންގެންދަވާ މަސައްކަތްވެސް ފާހަގަކުރެވެއެވެ. ޕީއެސްއެމްނިއުސްއާއި ވާހަކަދެއްކި ބައެއް ކުދިންވަނީ އެކުދިންނަށް ފުރަބަންދުގައި ކުރެވުނު އިހުސާސް ޕީއެސްއެމްނިއުސް އާއި ހިއްސާކޮށްފައެވެ.

މިދަނޑިވަޅުގައި ކުދިން ބަސްއަހައިގެން ގޭގައި ތިބެގެން ކުރަމުންދަނީ މުހިއްމު މަސައްކަތެއްކަން އެކުދިންނަށް ބުނެދިނުމަކީ އެކުދިންނަށް ހިއްވަރު ދިނުމަށް ކުރެވިދާނެ ކަމެކެވެ. ފުރަބަންދު ރަސްމީކޮށް އިއުލާންކުރުމުގެ ކުރީއްސުރެ ކުދިން ގޭގައި ކެތްތެރިކަމާއެކު ތިބޭތިބުން ފާހަގަކޮށް އެކުދިންނަށް ޙައްގު ތަޢުރީފުވެސް ކުރަންޖެހެއެވެ. މިވަގުތު ކުރީ ސަފުގައި ގެއިން ބޭރުގައި މަސައްކަތްކުރައްވާ ފަރާތްތަކުން ބުރަ މަސައްކަތް ކުރައްވަމުންގެންދަވާއިރު ތިކުދިން ގޭގައި ތިބެގެން ތިކުރަނީވެސް ޤައުމީ މަސައްކަތެކެވެ. ތިޔަ ދައްކަވާ ހިތްވަރަށް މުޅި ޤައުމު ފަޚުރުވެރިވެއެވެ.