ޚަބަރު

ލ.ގަމުން ގޯތި ލިބުނު ފަރާތްތަކުގެ ނަން ލިސްޓް އާއްމުކޮށްފި


ހައްދުންމަތީ ގަމުން އަލަށް ދޫކުުރުމަށް ކަނޑައެޅި 400 ގޯއްޗަށް ހޮވުނު މީހުންގެ ލިސްޓް ގަމު ކައުންސިލުން އާއްމުކޮށްފިއެވެ.

ގަން ކައުންސިލުން މިމަހުގެ ކުރީކޮޅުވެސް ލިސްޓު އާއްމު ކުރުމަށް ފަހުވަނީ ނަގާފައެވެ. ލިސްޓް ނަގާފައި ވަނީ އިދާރީ މައްސަލަތަކެއް ހުރުމުންކަމަށް ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ހައްދުންމަތީ ގަމުން ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި، މިކަމަށްއެދި 1400އެއްހައި މީހުން ވަނީ ފޯމް ހުށައަޅާފައެވެ. ނަމަވެސް މި ބުރުގައި އެރަށުން ދޫކޮށްފައިވަނީ 400 ގޯއްޗެވެ.

އެންމެ މަތިން މާކްސް ލިބުނު 400 މީހުންނަށް ގޯތިލިބޭނެކަމަށް އިއުލާނުކޮށްފައި ވާއިރު، އެއްވެސް ސަބަބަކާހުރެ ލިސްޓުން މީހަކު އުނިކުރަން ޖެހިއްޖެނަމަ އެ ގޯތިތައް ލިބޭނެ މީހުންގެ ތަރުތީބު ލިސްޓެއްވެސް ވަނީ އާއްމުކޮށްފައެވެ.

ކައުންސިލުން ބުނެފައި ވަނީ ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ބާއްވާ ގުރުއަތުނެގުން އޮންނާނީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައި އާއްމު ޙާލަތަށް ކަންކަން ރުޖޫޢަވުމުންކަމަށެވެ.

ޕީއެސްއެމާއި ވާހަކަދައްކަވަމުން ލ.ގަމު ކައުންސިލްގެ ނައިބުރައީސް އަޙްމަދު ޝާހީން ވިދާޅުވީ ލިސްޓާއިމެދު ޝަކުވާއެއް އޮތްނަމަ އެކަން ހުށައެޅުމަށް ހުޅުވާލާނެކަމަށެވެ. އަދި ފަހު މަރުޙަލާއާއިހަމައަށް މިއިން އެއްވެސް މީހެއް ލިސްޓުން އުނިކުރަންޖެހޭފަދަ މައްސަލައެއް ދިމާވެއްޖެނަމަ އެފަރާތެއްގެ ނަން ލިސްޓުން އުނިކުރާނެކަމަށެވެ.

ޝަކުވާތަށް ބަލައި، ކުރިއަށްއޮތް 15 ދުވަހުގެ ތެރޭގައި ގޯތި ލިބުނުކަމުގެ ލިޔުން، ލިސްޓްގައި ހިމެނޭ މީހުންނާއި ހަވާލުކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މި ލިޔުން ދޫކުރުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރިއްޔާއިންނެވެ.

ހައްދުންމަތީ ގަމުން ގޯތި ދޫނުކުރާތާ 13 އަހަރު ވަނީ ވެފައެވެ. ގަމުން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. ކައުންސިލުން ފާހަގަކުރާގޮތުގައި ރަށުގެ އާބާދީ ބޮޑުވެ، ގެދޮރުގެ ދަތިކަމުގެ މައްސަލަ ވަރަށް ބޮޑަށްވަނީ ކުރިމަތިވެފައެވެ. ގަމުގެ މިހާރުގެ އާބާދީ 5000ވުރެ މައްޗެވެ.