ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި މިހާރު 7 މީހަކަށް ފަރުވާދެމުން އަންނަކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދާ ހުރިހާ ބަލި މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.
ސިފައިންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ހުޅުމާލޭގައި ޤާއިމުކުރި މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ. މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ޤައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުން ތަރައްޤީކުރަން ފެށި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިމާރާތުގެ މަސައްކަތް ނިންމާ އެތަން އައި.ޖީ.އެމް.އެޗްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މިތަން ތަރައްޤީކޮށްފައިވަނީ 5 ބުލޮކް ހިމެނޭ ގޮތަށެވެ.
ކޯވިޑް 19 ބަލީގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ކޯވިޑަށް ރާއްޖެއިން މިހާތަނަށް 1900 ވުރެ ގިނަ މީހުންވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 10 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 1010 މީހުން ވަނީ އެއްކޮށް ބަލިން ރަނގަޅުވެފައެވެ.