ޚަބަރު

ފުރަބަންދުގައި ކްރިމިނަލްކޯޓުން 34 ޝަރީއަތްބާއްވައި، 9 މައްސަލައިގެ ހުކުމްކުރި


ކޯވިޑް19 އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައި އޮތް މުއްދަތުގެ ތެރޭގައިވެސް ކްރިމިނަލް ކޯޓުން 34 މައްސަލައެއްގައި ޝަރީއަތް ހިންގައި، 9 މައްސަލައިގައި ހުކުމްކޮށްފި އެވެ.

ކޯވިޑް19އާ ގުޅިގެން މިދިޔަ އޭޕްރިލް މަހުގެ 15 މާލެ ފުރަބަންދުކުރުމުން ކްރިމިނަލް ކޯޓަށް މީހުން ހާޒިރުކޮށް ހިންގަން ފެށި ޝަރީއަތްތައް މެދުކެނޑުނެވެ. މާލެ ސަރައްދު ރެޑް އެލާރޓްގައި އޮތުމުން ކްރިމިނަލް ކޯޓަށް މީހުން ޙާޟިރު ނުކުރަން ނިންމާފައިވާތީ، ބަންދާއިމެދު ގޮތެއް ނިންމުމުގެ މަޖިލިސްތަކާއި ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަނީ ތުހުމަތު ކުރެވޭ މީހާއާއި ދެފަރާތުގެ ވަކީލުންނާއި އަޑުއެހުމުގައި ބައިވެރިވާންޖެހޭ އެހެނިހެން ފަރާތްތައްވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން ހާމަކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއި މެދު ގޮތް ނިންމުމަށް 940 އަޑުއެހުމެއް އެ ކޯޓުން ވަނީ މާލެ ފުރަބަންދުކުރީ ސުރެ އިއްޔެ އާ ހަމައަށް ބާއްވާފައި އެވެ. މި މުއްދަތުގެ ތެރޭގައި ބަންދުގައި ތިބި މީހުންގެ ތެރެއިން 8 މީހެއްގެ ބަންދުގެ އަމުރު މުޖާރާ ކޮށްފައިވާއިރު ތަހްގީގީ އިދާރާތަކުން އެދިގެން 97 ކޯ÷ޓު އަމުރެއް އެ ކޯޓުން ވަނީ ނެރެފައި އެވެ. ކްރިމިނަލް ކޯޓަށް މި މުއްދަތުގެ ތެރޭގައި ހުށައެޅި 115 މައްސަލައެއް އެ ކޯޓުން ވަނީ ބަލައިގެންފައި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދަނީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން މާފުށީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްގެންނެވެ. ކޯޓަށް މީހުން ޙާޟިރު ނުކުރެވޭތީ މި މުއްދަތުގެ ތެރޭގައި މާލޭ ޖަލުގައި ތިބި މީހުންގެ މައްސަލަތައް ނުހިންގާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ވިދާޅުވެފައި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތައް ކުރިއަށް ގެންދަނީ އެކަމަކަށް ބޭނުންވާ އެންމެ މަދު ޢަދަދަކަށް މުވައްޒަފުން ނެރެގެން ކަމަށާއި މުވައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭގޮތް އިންތިޒާމްވެސް ހަމަ ޖައްސައިދީފައިވާ ކަމަށް އެ ކޯޓުން ވިދާޅުވި އެވެ.

މިގޮތުން ޝަރީޢަތް ހިންގުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި، ކޯޓުގެ އެހެނިހެން އިދާރީ މަސައްކަތްތަކާއި، ރެކޯޑިންތައް ލިޔުމުގެ މަސައްކަތްތަކާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް ހެދުމުގެ މައްސައްކަތްތަކާއި، ކުށުގެ ރެކޯޑު ސާފުކޮށް ދިނުމުގެ މައްސަކަތްތަކާއި، ރެޖިސްޓްރޭޝަންގެ މަސައްކަތްތަށް ކުރަނީ މުވައްޒަފުން ގޭގައި ތިބެގެން ކަމަށް ވެސް ވަނީ ވިދާޅުވެފައި އެވެ. ފުރަބަންދުގައި މިވީ ދުވަސްތަކުގެ ތެރޭގައި ކްރިމިނަލް ކޯޓުން 116 މީހެއްގެ ކުށުގެ ރެކޯޑް ސާފުކޮށްދީފައި ވާއިރު 10 މައްސަލައެއް ނިމުނު ގޮތުގެ ރިޕޯޓް ވަނީ ދޫކޮށްފައި އެވެ.

ކްރިމިނަލް ކޯޓުން ހޯދަން ޖެހޭ ހިދުމަތްތައް ވެސް އޮންލައިންކޮށް ހޯދޭނެ ގޮތައް އިންތިޒާމްތައް ވަނީ ހަމަ ޖައްސާފައެވެ. މި ގޮތުން ކޯޓަށް ހުށައެޅޭ ހުރިހާ ލިޔުންތައް އޮންލައިންކޮށް ހުށައެޅޭއިރު ކޯޓުން އެހެން ފަރާތްތަކަށް ފޮނުވަން ޖެހޭ ލިޔުންތައް ވެސް ފޮނުވަނީ އޮންލައިންކޮށެވެ.

މާލެ ފުރަބަންދުގައި އޮތް ނަމަވެސް ކޯޓުތަކުން ގެންދަނީ ހުއްޓުމެއް ނެތި ޝަރީއަތްތައް ކުރިއަށްގެންދަމުންނެވެ.