ޚަބަރު

ކޯވިޑް-19 : ސްރީ ލަންކާގެ 289 މީހަކު މާދަމާ ފުރުވާލަނީ


ރާއްޖޭގައިތިބި ސްރީ ލަންކާ ރައްޔިތުންގެ ތެރެއިން 289 މީހަކު މާދަމާރޭ ފުރުވާލުމަށް ހަމަޖެހިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މާދަމާ ސްރީ ލަންކާއަށް 2 ފްލައިޓެއް ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ފުރަތަމަ ފްލައިޓްގައި 283 މީހަކު ފުރުވާލުމަށް ހަމަޖެހިފައިވާރު، ދެވަނަ ފްލައިޓްގައި 15 މީހަކު ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެކުރިންވެސް ވަނީ ރާއްޖޭގައި ދިރިއުޅޭ ސްރީ ލަންކާ ރައްޔިތުންގެ ތެރެއިން ބަޔަކު އެޤައުމަށް ގެންގޮސްފައެވެ. ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖޭގައި ތިބި އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން އެޤައުމަތަކަށް ފޮނުވާލުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން އަވަށްޓެރި ޤައުމުތަކާއި، ދުނިޔޭގެ އެކި ޤައުމުތަކަށް ނިސްބަތްވާ މީހުން އެމީހުންގެ ޤައުމުތަކަށް ގެންދިއުމުގައި މޯލްޑިވިއަންގެ ފްލައިޓްތައްވަނީ ދަތުރުކޮށްފައެވެ.

މަބްރޫކް ވިދާޅުވީ ސްރިލަންކާގައި ތިބި 265 ދިވެހިން މާދަދާރޭ ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. މިއެންމެންވެސް ގެނައުމަށްފހު ކަރްނޓީނުކުރެވޭނީ އެމީހަކު ނިސްބަތްވާ ރަށެއްގައި ކަނަޑައެޅިފައިވާ ތަނެއްގައިކަމަށް އޭނާ ވިދާޅުވިއެވެ. މި އެންމެން ރާއްޖެގެނައުމަށް ހަމަޖެހިފައި ވަނީ ކޮލަމްބޯމަގުން ސްރިލަންކަން އެއަރލައިންސްގެ ފްލައިޓެއްގައެވެ.

ސްރީލަންކަން އެއަރލައިންސްއިން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ އެޤައުމަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި މީހުންނާއި، ފަތުރުވެރިންގެ ގޮތިގައި ގޮސް ނާދެވި ތިބި މީހުންނާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި، ރާއްޖެއަށް އަނބުރާ ނާދެވި ތިބި މީހުންނާއި، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ މީހުންނާއި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ މީހުންނެވެ.