ޚަބަރު

ކޯވިޑް-19 : ގިނަ ސާމްޕަލްތައް ނެގެޓިވްވެ ބަލިޖެހޭ މީހުންގެ އަދަދު ދަނީ ދަށަށް


މިއަދު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 26 މީހުންނާއިއެކު މިމަމުގެ މިހާތާނަށް ޕޮޒިޓިވި މީހުންގެ އަދަދު 169 އަށް އަރައިފިއެވެ. މިއަދު ޕޮޒިޓިވެވި 26 މީހުންނާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1942 އަށް އަރާފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ބަންގްލަދޭޝްގެ 7 މީހެކެވެ.

ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 922 މީހުންނެވެ. މީގެ ތެރެއިން 10 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިމަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖެއިން ޕޮޒިޓިވްވާ މީހުންނަށްވުރެ ގިނައީ ބަލިން ރަނގަޅުވި މީހުންނެވެ. އިއްޔެގެ ނިޔަލަށް މި ބަލިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 1010 އަށް އިތުރުވެފައެވެ. މި އާއިއެކު ބަލީގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވަނީ 1000 ވުރެ ދަށަށް ގޮސްފައެވެ.

ފާއިތުވެދިޔަ 9 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 169 މީހުންނެވެ. ރާއްޖެއިން ރަނގަޅުވާ މީހުންގެ ނިސްބަތް އުޅެނީ 48.28 އިންސައްތައިގައެވެ.

މިމަހުގެ މިހާތަނަށް ޕޮޒިޓީވްވި މީހުންގެ ޢަދަދުތައް:

- 1 ޖޫން 2020 ގައި 56 މީހުން
- 2 ޖޫން 2020 ގައި 12 މީހުން
- 3 ޖޫން 2020 ގައި 9 މީހުން
- 4 ޖޫން 2020 ގައި 22 މީހުން
- 5 ޖޫން 2020 ގައި 11 މީހުން
- 6 ޖޫން 2020 ގައި 18 މީހުން
- 7 ޖޫން 2020 ގައި 2 މީހުން
- 8 ޖޫން 2020 ގައި 13 މީހުން
- 9 ޖޫން 2020 ގައި 26 މީހުން

ކޯވިޑް ރައްކާތެރިވުމުގެ ގޮތުން މަރިޗު މަހިގެ 17 ވަނަދުވަހުން ފެށިގެން މާލޭގެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ވަނީ ބައެއް ލުއިތައް ދޭން ފަށާފައެވެ. މިގޮތުން، ގެއިން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބައެއް ފިހާރަތަކާއި، އޮފީސްތައްވެސް ވަނީ ހުޅުވާފައެވެ. މިއާއިއެކު މުޖުތަމުގައި ބަލި އޮތް މިންވަރު ބެލުމަށް ކޮންމެ ދުވަހަކުވެސް މަގުމަތިންނާއި، ބިދޭސީން ގިނައިން އުޅޭ ސަރަހައްދު ތަކުން ދަނީ ސާމްޕަލްތައް ނަގައި ޓެސްޓް ހަދަމުންނެވެ.

ރާއްޖޭގައި ބަލިކޮންޓްރޯލްކޮށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއިއެކު ބޮޑެތި ކުރިއެރުންތަކެއް ދަނީ ފެންނަމުންނެވެ. ނަމަވެސް ދީފައިވާ ލުޔާއިއެކު ޞިއްޚީ ގޮތުން ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާ ކުޑަކޮށްފިނަމަ ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށްވެސް ޞިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިމުއްދަތުގައި ގައިދުރުކަން އިސްކޮށް، ގެއިން ބޭރަށް ނިކުމެ އުޅުމުގައިވެސް މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.