ޚަބަރު

ކޯވިޑް-19 : ޖަލްބޫޓް މޯލްޑިވްސްއިން ފުލުހުންނަށް 5000 މާސްކް ހަދިޔާކޮށްފި


ޖަލްބޫޓްމޯލްޑިވްސްއިން ފުލުހުންނަށް ފަސް ހާސް މާސްކް ހަދިޔާކޮށްފިއެވެ. ފުލުހުން ކުރި ޓުވީޓެއްގައި މިކަން ވަނީ ހާމަކުރައްވާފައެވެ.

ޔޫއޭއީގެ މައި އިދާރާ ހުންނަ ޖަލްބޫޓް މޯލްޑިވްސްއަކީ ފުލުހުންގެ ތެރެއިން ކޯވިޑް-19ގެ ޙާލަތުގައި ކުރީސަފުގައި ހަރަކާތްތަކާއި ފުލުހުން ބޭނުންކުރުމަށް ހަދިޔާކުރި މާސްކްތަކެއްކަމަށް އެއިދާރާއިން ހާމަކުރެއްވިއެވެ. ފުލުހުންގެ ފަރާތުން މި މާސްކްތަކާއި ހަވާލުވެވަޑައިގެންނެވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެއެވެ. ޖަލްބޫޓް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ އެންމެ ބޮޑު އިންޓަގްރޭޓަޑް ރިސޯޓް ކްރޮސްރޯޑް މޯލްޑިވްސްގެ ވޯޓަރ ޓްރާންސްޕޯޓާއި މެރީނާ މެނޭޖްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ކުރި ޓުވީޓް

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ވޭތުވެ ދިޔަތަނުގައިވެސް ފުލުހުންގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ އޮފިސަރުނަށް އެހީވުމަށް ގިނަ ފަރާތްތަކުންވަނީ ތަފާތު ގިނަ އެހީތެރިކަންތައް ފޯރުކޮށްދެމުންނެވެ. ފުލުހުންދަނީ ކޯވިޑް-19ގެ ސަބަބުން މާލޭގެ ފުރަބަންދުގެ ހާލަތާއި، ފުރަބަންދަށް ލުއިތަކެއް ދިނުމަށްފަހުވެސް ކުރީ ސަފުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤަވާޢިދުތައް ހިފެހެއްޓުމާއި ޑެލިވަރީގެ ޚިދުމަތާއި ކަރަންޓީން ފެސިލިޓީތަކުގެ ސަލާމަތީކަންކަން ބެލެހެއްޓުންފަދަ މުހިންމު ޒިންމާތައް ހިމެނެއެވެ.