ޚަބަރު

މިއީ ފުލުހުންގެ މުއައްސަސާ ރިފޯމްކުރަންވީ މުހިންމު ވަޤުތު- މިނިސްޓަރ އިމްރާން


މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް އެ މުއައްސަސާ ރިފޯމް ކުރަންވީ މުހިންމު ވަގުތުކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދަޅުވީ، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް މިއަދު ފަށާ، އެ ބިލު ދިރާސާކުރަން ފެށުމާއި ގުޅިގެން ޚިޔާލުފާޅުކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގެ މަސައްކަތް މަޖިލީހުގައި ބާރަށް ކުރިއަށްދާކަމީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށާއި، މި ބިލު ޤާނޫނަކަށް ވާއިރު ދިވެހި ފުލުހުންނާއި ގުޅޭ ކަންކަން ފުރިހަމައަށް ތަރުތީބުކުރެވި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ފުރިހަމައަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށެވެ. އަދި ރައްޔިތުން އެދޭފަދަ ޚިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާވެގެން ދާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ރައްޔިތުން އެދޭބަދަލު ފުލުހުންގެ މުއައްސަސާއަށް ގެނެސް، ފުލުހުން ރިފޯމް ކުރަންވީ މުހިންމު ވަގުތުކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ކުށައަޅުއްވާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލުގައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ޚިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުވައިދެވޭނެ އުސޫލު ތަޢާރުފުކުރުން ވަނީ ހިމަނާފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަޤާމުގެ ޝަރުޠުތައް ކަނޑައެޅުމަށްވެސް އެބިލްގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުމަށްވެސް އެ ބިލްގައި ވަނީ ހިމަނާފައެވެ. އަދި މިނިސްޓަރަނަށް ވަކިވަކި ފުލުހުންނަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ޚިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުމުގެ އިތުރުން ތަޙްޤީޤުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު މި ބިލުގައި ބަޔާންކޮށްފައިވެއެވެ.