ކޯވިޑް-19ގެ މިޙާލަތުގައި މަސައްކަތްކުރުމުގެ ހުއްދައަށް އެދުނު 46 ކޮންސްޓްރަކްޝަން ކުންފުންޏަކަށް ހުއްދަ ދީފައިވާކަމަށް މާލެ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ. އަދި މިކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރުމުގެ ހުއްދައަށް އެދުނު 120 ފަރާތަކަށް ޕާމިޓު ހޯދުމަށް އެދުނު ފަރާތްތަކަށް އެހުއްދަވެސް ފޯރުކޮށްދީފައިވާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.
ކޯވިޑް-19ގެ ސަބަބުން މާލޭގައި ފުރަބްނދު ޢިއުލާންކޮށްފައިވާ މިދަނޑިވަޅުގައި މަސައްކަތް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދެމުންދާ ފަރާތްތަކުން މަސައްކަތްކުރަމުންދާ ސައިޓުތައް ސިޓީކައުންސިލުން އަންނަނީ މޮނީޓަރކުރަމުންނެވެ. އެގޮތުން މިހާތަނަށް 10 އިންސްޕެކްޝަނެއް ހަދާފައިވާކަމަށް ސިޓީކައުންސިލުން މައުލޫމާތުދެއެވެ. ޕީއެސްއެމްގެ ލައިވްކަވަރޭޖްގައި ވާހަކަދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މިގޮތަށް ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކުގައި ޢާއްމުގޮތެއްގައި ކުންފުނިތަކުން މަސައްކަތްކުރަމުންދާ ގޮތް ރަނގަޅުކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް ހުއްދައަށް އެދިފައިވާ ފަރާތްތައް ނޫން ފަރާތްތައް މަސައްކަތްކުރަމުންދިޔަ ސައިޓެއް ފާހަގަކުރެވުމުން އެސައިޓުގެ މަސައްކަތް ހުއްޓުވާފައިވާކަމަށެވެ.
" އަޅުގަނޑުމެން މިހާތަނަށް 10 އިންސްޕެކްޝަނެއް ހަދައިފިން. ޢާއްމުގޮތެއްގައި ސައިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅަށް އެއްސައިޓުފިޔަވާ. އެސައިޓުގެ މަސައްކަތް ކުރުމަށް ހުއްދައަށް އެދުނު ފަރާތްތައް ނޫން އެހެންބަޔަކު ސައިޓުގައި މަސައްކަތްކުރަމުން ދިޔުމާއި ގުޅިގެން އެތަނުގެ މަސައްކަތްވާނީ ހުއްޓުވާފައި." މޭޔަރ ސިފާ ވިދާޅުވިއެވެ.
ކޮންސްޓްރަކްޝަން ސައިޓުތަކުގައި އެއްވެސް މަސައްކަތެއް ކުރުމަށް ހުއްދަދޭނީ ހުއްދައަށް އެދި ހުށަހަޅާ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުންފުޏެއްގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް އެކަނިކަމަށް ސިޓީކައުންސިލުން މީގެކުރިންވަނީ ވިދާޅުވެފައެވެ.
ސިޓީ ކައުންސިލުން މިގޮތަށް ނިންމަވާފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގައި މިއޮތް ޙާލަތުގައި ޢިމާރާތްކުރުމުގެ ސައިޓުތަކުގައި މަސައްކަތް ކުރުމުގައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނެއް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ފަރާތުން ވަނީ ނެރެފައެވެ. އެގޮތުން ސައިޓުތަކުގައި ހަރަކާތްތެރިވާ ހުރިހާ ބާވަތެއްގެ މަސައްކަތުގެ މީހުން މާސްކް އަޅަންވަނީ މަޖުބޫރުކޮށްފައެވެ. އަދި މަސައްކަތުގައި ބޭނުންކުރާ އާލާތްތައް ގިނަ ބަޔަކު ބޭނުން ކުރާނަމަ ޑިސްއިންފެކްޓްކުރުމާއި މަސައްކަތް ކުރާއިރު، މީހުން ތޮއްޖެހުން މަދުކުރަންވެސްވަނީ އަންގާފައެވެ.