މާލޭގެ ގޭބިސީތަކަށް ދުވާލެއްގެ މައްޗަށް އެކެއް ޕޮއިންޓް ފަހެއްޓަނުގެ މަސް ޑެލިވަރީކޮށްދެވެމުންދާކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅިގެން މާލޭގައި މަސް ވިއްކުމުގެ ކަންކަން ކުރިއަށްގެންދަނީ މާލެސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މަސްމާރުކޭޓުން ގޭގެއަށް މަސް ޑެލިވަރީކޮށްދިނުމަށް އެކުލަވާލާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިންނެެވެ.
ޕީއެސްއެމްނިއުސްގެ ލައިވްކަވަރޭޖްގައި ވާހަކަދައްކަވަމުން މާލެސިޓީ ކައުންސިލްގެ މޭޔަރު ސިފާ މުޙައްމަދު ވިދާޅުވީ މާލޭގެ އެކި ގޭބިސީތަކަށް މަސް ޑެލިވަރީކުރުމުގެ ޚިދުމަތް ދެމުން އަންނަނީ މަހުގެ ޚިދުމަތްދޭ 10 ފަރާތަކާއި ގުޅިގެންކަމަށެވެ. މީގެތެރެއިން 2 ފަރާތަކުން ޑެލިވަރީ ނުކުރާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އެކަން ބެލުމަށްފަހު މިހާރު އެފަރާތްތަކުގެ ހުއްދަ ބާތިލްކޮށްފައި ވާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. އެހެންކަމުން އިތުރު 4 ފަރާތަކަށް ހުއްދަ ދިނުމަށް މިހާރު ފުލުހުންނަށް ހުށައަޅާފައި ވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.
"އަޅުގަނޑުމެންވާނީ މިހާތަނަށް ދުވާލެއްގެ މައްޗަށް 1.5 ޓަނުގެ މަސް ގޭބިސީތަކަށް އަންނަނީ ފޯރުކޮށްދެމުން. ޑލިވަރީކުރާ ފަރާތްތަކުގެ ތެރެއިން 2 ފަރާތަކުން ޑެލިވަރީ ނުކުރާކަމަށް ފާހަގަކުރެވިގެން މިހާރު ހުއްދަ ބާތިލުކޮށް އިތުރު 4 ފަރާތަކަށް މަސް ޑެލިވަރީކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މިހާރުވަނީ ފުލުހުންނަށް ހުށައަޅާފަ. ރައްޔިތުންނަށް ފަސޭހަކުރުމަށް މިހުއްދަތައް އަވަހަށް ދިނުން ވަރަށް މުހިއްމު."ސިފާ ވިދާޅުވިއެވެ.
ކޯވިޑް-19 އާއި ގުޅިގެން މަސް ޑެލިވަރީ ކުރުމަށް ފެށި ޚިދުމަތުގެ ސަބަބުން ކުރީގެ ބޯޓުތަކުގައި މަސްކެނޑުން ވަނީ ހުއްޓިފައެވެ. އެއާއެކު ކުރިއާ ޚިލާފަށް މިހާރު ގޭގެއަށް ފޮނުވަނީ އައިސްކޮށްފައި ހުންނަ ވަރަށް ތާޒާ ކޮލިޓީ މަސްކަން ފާހަގަކުރެވިފައިވާކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. މިދަނޑިވަޅުގައި މަސް ޑެލިވަރީ ކުރުމުގެ ޚިދުމަތް ފިޝަރީޒް މިނިސްޓްރީންވެސް މޮނީޓަރކުރާކަމަށާއި ސިޓީ ކައުންސިލުންވެސް އެކަން ވަރަށް ގާތުން ބަލަމުން އަންނަކަމަށް އެކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ޑެލިވަރީ ކުރާ މަހާއިމެދު ޝަކުވާއެއް ވާނަމަ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކައުންސިލްގެ ހޮޓްލައިން 1622އަށް ގުޅައިގެން ޝަކުވާ ހުށައެޅޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ.
ސިޓީކައުންސިލުން ވިދާޅުވީ ކޯވިޑްގެ ޙާލަތާ ގުޅިގެން ޢާއްމުންގެ ފަރާތުން އެދެމުން އަންނަ އެންމެ ބޮޑު އެއްކަމަކީ ޢާމްދަނީ ހޯދުމަށް ފަރުމަހުގެ މަސްވެރިކަންކުރަމުން އައި ފަރާތްތަކަށް އެމަސައްކަތްކުރެވޭނެ މަގު ހުޅުވާލުންކަމަށެވެ. އެޗްޕީއޭ އާއި ގުޅިގެން މިކަން ވީއެންމެ އަވަހަކަށް ކުރުމުގެ މަސައްކަތް ސިޓީކައުންސިލުން ކުރަމުން އަންނަކަމަށް އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.