ޚަބަރު

ބ. އޭދަފުށީގެ މަގުތަކުގެ ދުވާރު ފުޅާކުރަން މަޝްވަރާ ކުރަނީ


ބ. އޭދަފުށީގައި ޒަމާނީ ފެންވަރަކަށް މަގުހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، ބައެއް މަގުތަކުގެ ދުވާރު ފުޅާކުރަން މަޝްވަރާ ކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މިމަސައްކަތުގެ 74 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެކުންފުނިން ބުނެނެއެވެ.

އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ރަމްޒީ އަބޫބަކުރު ވިދާޅުވީ، އޭދަފުށީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ސަބް ބޭސް އެޅުމުގެ މަސައްކަތާ، ވާރޭފެން ހިންދުމަށް ބޭނުން ކުރާ ވަޅުގަނޑުތައް ފެއްތުމާ ހޮޅި އެޅުމުގެ މަސައްކަތްކަމަށެވެ. އަދި ސްޓޯމް ވޯޓަރ ސްޓޭޝަންތައް ހަރުކުރުމާއި، ދުވާރު ހެދުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ. ތާރު އަޅާ މަގުތަކުގައި ސްޓޯމް ވޯޓަރ ޓޭންކްތައް ބަހައްޓަމުންދަނީ 20 މީޓަރ ދުރުމިނުގައެވެ.

ދުވާރުތަކުގެ ޑިޒައިންތައް ބަލައި ސާރވޭ ކުރުމާއި، މަގުތަކުގައި ތާރު އަޅައި، އެ މަގުތައް ޑިޒައިން ކުރުމުގެ މަސައްކަތާއި، ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައި އެވެ.

އެމްޓިސީސީ އާ މިމަސައްކަތް ހަވާލު ކޮށްފައިވާއިރު، މީގެ ކުރިން މި މަސައްކަތް ކުރަމުން އައީ އެމްއާރުޑީސީ ކުންފުނިންނެވެ.