ޚަބަރު

ބްރޯޑްކޮމްއަށް އަނާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި


ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް މީޑިޔާގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އާމިނަތު އަމީނާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެމްބަރު ކަމަށް އައްޔަން ކުރާނެ މެމްބަރަކު ކަނޑައަޅަން ނެގި ވޯޓުގައި އަނާއަށް ލިބުނީ 63 ވޯޓެވެ. އޭނާގެ ނަން ފާސްވުމުން ދެން އެހެން ނަމަކަށް ވޯޓަށް އަހާފައެއްނުވެ އެވެ. އަނާ ވަނީ މީޑިޔާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސްކޮށްފަ އެވެ.

ބްރޯޑްކޮމް ކުރިމަތިލެއްވި މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ 11 މެމްބަރެއްގެ ނަންފުޅެވެ. އޭގެ ތެރެއިން 3 މީހަކު ވަނީ މަޖިލީހުން އިންޓަވިއު ކުރުމުގެ މަރުހަލާގައި ނަން އަނބުރާ ގެންގޮސްފައި އެވެ. އަދި އޭގެ ތެރެއިން އިންޓަވިއުކުރި ފަރާތްތަކުގެ ތެރެއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ 7 މީހެއްގެ ނަމެކެވެ. ވޯޓަށް އަހާފައިވަނީ ކޮމެޓީން ނަންތައް ފޮނުވާފައިވާ ތަރުތީބުންނެވެ.

ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުއްވެވި ނަންތަކަކީ:
1 - އަލްފާޟިލާ އާމިނަތު އަމީނާ
2- އަލްފާޟިލް މުޙައްމަދު ފަޒީން
3- އަލްއުސްތާޛު ޒުބައިރު އަޙްމަދު މަނިކު
4- އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު
5- އަލްފާޟިލް އިސްމާޢީލް ސާޖިދު
6- އަލްފާޟިލް އަޙްމަދު ޙަލީލް
7- އަލްފާޟިލް އަޙްމަދު ފައިރޫޒް

މޯލްޑިވުސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރު ކަމުގެ މަޤާމަށް އަނާ އައްޔަނުކުރެއްވީ، އެކޮމިޝަނުގެ މެމްބަރުކަމާއި ނައިބު ރައީސާ ކަމުގެ މަޤާމުގައި ހުންނެވި ފާޠިމަތު ޒޭނާ އެމަޤާމުން ވަކިކުރެއްވުމާއި، އެކޮމިޝަނުގެ މެމްބަރެއްގެ މަޤާމު ހުސްވުމުންނެވެ.