އަމިއްލަ ކްލިނިކްތަކުން ކޯވިޑް-19 އާ ގުޅޭ ޓެސްޓްތައް ހަދާނީ ސަރުކާރުގެ ސިއްހީ ތަންތަނަށް ނުކަތާ އަދަދަކަށް ޓެސްޓްތައް ހަދަން ޖެހިއްޖެނަމަ ކަމަށް އެންއީއޯސީން ހާމަކުރައްވައިފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އަމިއްލަ ގިނަ ކްލިނިކް ތަކަކުން ކޯވިޑް-19 އާ ގުޅިގެން އެކި ޓެސްޓް ހެދުމުގެ ހުއްދައަށް އެދެމުންއަންނަކަމަށެވެ.
އެގޮތުން އެންޓި ބޮޑީ ޓެސްޓް ހެދުމާއި ޕީސީއާރު ޓެސްޓް ހެދުމަށް މިހާރުވެސް އަމިއްލަ 6 ކްލިނިކަކުން އެދިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެހެންނަމަވެސް މި ދަނޑިވަޅުގައި އަމިއްލަ ކްލިނިކްތަކަށް މިކަން ކުރުމުގެ ހުއްދަ ދޭން އަދި ނިންމާފައި ނުވާކަމަށާއި ސަރުކާރުގެ ސިއްހީ ޚިދުމަތް ދޭތަންތަނަށް ނުކަތާވަރަށް ޓެސްޓްތައް ހަދަންޖެހިއްޖެ ނަމަ މިފަދަ ކްލިނިކްތަކަށް އެ ހުއްދަ ދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މިހާތަނަށް އައިރު ޕްރޯކެއަރ މަހިބަދޫއިން ކުއަންޓެޓޭޓިވް އެންޓި ބޮޑީ ޓެސްޓް ހެދުމަށް ރިކުއެސްޓް ކޮށްފައި އެބައޮތް. މެޑް ލެބް، މާލެ އިން ރިކުއެސްޓް ކޮށްފައި އެބައޮތް އެންޓި ބޮޑީ އަދި ފީސީއާރު ޓެސްޓް ހެދުމަށް. އައްޑޫއިން އެއިމްސް އާއި އައިއެމްޑީސީ ، މާލެއިން ފަސްޓް ކެއަރ، ފުވައްމުލައް ސިޓީން މަހަލްދީބުންވެސް އެބައޮތް އެންޓި ބޮޑީ ޓެސްޓް ހެދުމަށް ރިކުއެސްޓް ކޮށްފައި."މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މި ކްލިނިކްތަކުން ޓެސްޓްތައް ހެދުމަށް ހުއްދައަށް އެދި ހެލްތު މިނިސްޓްރީއަށް ހުށައަޅާފައިވާކަމަށެވެ. އަދި މިނިސްޓްރީން އެ ކްލިނިކްތަކުން ހަމަޖައްސާފައިވާ އިންތިޒާމްތައް ހުށައެޅުމަށް ކްލިނިކްތަކަށް އަންގާފައިވާކަމަށެވެ.