ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންއަށް މަހަކު 35000 ރުފިޔާ ދޭން ފާސްކޮށްފި


ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަގާމުގައި ހުންނަ މީހަކަށް 35000 ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ދައުލަތުގެ އިދާރާތަކުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމަކީ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަސްއޫލިއްޔަތެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް އަމަލުކުރާކަން ބަލާ އެގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަކީ ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ ޒިންމާއެކެވެ.

ހަމައެހެންމެ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމުގެ އިތުރުން ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުމަކީވެސް އެ މަގާމުގެ ހުންނަ މީހެއްގެ މަސައްކަތެކެވެ.

ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންއަށް މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 25000 ރުފިޔާ އެވެ.އަދި އެލަވަންސް ގޮތުގައި ކަނޑައަޅާފައިވަނީ 10000 ރުފިޔާ އެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މުސާރައާ އިނާޔަތް ކަނޑައެޅުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭކަމެކެވެ.