ޚަބަރު

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު 13އަށް


ރާއްޖެއިން ކޯވިޑް-19އަށް އިތުރު 13 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 1916އަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މަޢުލޫމާތަށްބަލާއިރު ރޭގެ 00:00 އިން މިރޭގެ 6:00އާއި ހަމައަށްވަނީ 13 މީހަކު ޕޮޒިޓިވްވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 5 މީހަކާއި އިންޑޮނޭޝިއާގެ މީހެކެވެ.

ރާޢްޖޭގައި މިހާރު ކޯވިޑް-19އަށް ފަރުވާ ހޯދަމުން ދަނީ 981 މީހުންނެވެ. މީގެ ތެރެއިން 16 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މިމަހުގެ ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވަނީ ވަރަށްބޮޑުތަނުން މަދުވެފައެވެ. ކޮންމެ ދުވަހަކުވެސް ގިނަ ސާމްޕަލަތައް ނަގައި ނަތީޖާ ހާމަކުރަމުންދާއިރު ގިނަ މީހުންވަޏީ ކޯވިޑް-19އަށް ނެގެޓިވްވެފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވުހުން ފެށިގެން މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮށްފައިވާ ފުރަބަންދަށް ވަނީ ލުއިތަކެއްދީފަ. މާލެ ސަރަހައްދު އަދިވެސް ފުރަބަންދުގައި އޮތްނަމަވެސް ގިނަ ލުއިތަކެއްވަނީ ދީފަ. އިގޮތުން، ގެއިން ނިކުމެވޭ މީހުންގެ އަދަދު އިތުރުކޮށް، ބައެއް ފިހާރަތަކާއި، އޮފީސްތައްވެސް ވަނީ ހުޅުވާފައެވެ. މިއާއިއެކު މުޖުތަމުގައި ބަލި އޮތް މިންވަރު ބެލުމަށް ކޮންމެ ދުވަހަކުވެސް މަގުމަތިންނާއި، ބިދޭސީން ގިނައިން އުޅޭ ސަރަހައްދު ތަކުން ދަނީ ސާމްޕަލްތައް ނަގައި ޓެސްޓް ހަދަމުންނެވެ.

ފާއިތުވެދިޔަ 7 ދުވަހުގެ ތެރޭގައި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 143 މީހުންނެވެ.

މިމަހުގެ މިހާތަނަށް ޕޮޒިޓީވްވި މީހުންގެ ޢަދަދުތައް

- 56 މީހުން ( 1 ޖޫން 2020 )
- 12 މީހުން ( 2 ޖޫން 2020 )
- 9 މީހުން ( 3 ޖޫން 2020 )
- 22 މީހުން ( 4 ޖޫން 2020 )
- 11 މީހުން ( 5 ޖޫންް 2020 )
- 18 މީހުން (6 ޖޫން 2020)
- 2 މީހުން (7 ޖޫން 2020)
- 13 މީހުން (8 ޖޫން 2020)

ރާއްޖޭގައި ބަލިކޮންޓްރޯލްކޮށް އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއިއެކު ބޮޑެތި ކުރިއެރުންތަކެއް ދަނީ ފެންނަމުންނެވެ. ނަމަވެސް ދީފައިވާ ލުޔާއިއެކު ޞިއްޚީ ގޮތުން ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާ ކުޑަކޮށްފިނަމަ ބަލީގެ ނުރައްކާ ބޮޑުވެ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށްވެސް ޞިއްޚީ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިމުއްދަތުގައި ގައިދުރުކަން އިސްކޮށް، ގެއިން ބޭރަށް ނިކުމެ އުޅުމުގައިވެސް މާސްކު އަޅައި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.