ޚަބަރު

ކޯވިޑް-19 : ފުރަބަންދުގެ މުއްދަތުގައި ކުށްކުރުން މަދު - ސީޕީ ހަމީދު


ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް މާލެ ޞަރަޙައްދު ފުރަބަންދުގެ މިއޮތް މުއްދަތުގައި ކުށްކުރުން މަދުވެފައިވާ ކަމަށް ކޮމިޝަނަރަ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

މާލެ ޞަރަޙައްދު ފުރަބަންދުކުރި ފަހުން ކުށްކުރުން މަދުކަން ފާހަގަ ކުރައްވައި، ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އެޅި ފިޔަވަޅުތަކާއި ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ކަންކަން މެނޭޖުކުރުމާއި، ޢަމަލުކޮށްފައިވާ ގޮތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން ފުރަބަންދު ކުރި މުއްދަތުގެ ތެރެއިން އޭޕްރީލް މަހުގެ ތެރޭގައި 6058 މީހަކު ހުއްޓުވާ ވަނީ ސުވާލުކޮށްފައެވ. އަދި މެއި މަހު 45054 މީހަކު ހުއްޓުވާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މީގެއިތުރުން ފުރަބަންދުގެ މުއްދަތުގައި އޭޕްރީލް މަހުގެ ތެރޭގައި 35688 ފަހަރަށް މާލޭގެ އެކި ސަރަޙައްދުތައް ބަލާ ފާސްކޮށްފައިވާއިރު މެއި މަހުގެ ތެރޭގައި 86118 ފަހަރު ފާސް ކުރަންޖެހޭ ޞަރަޙައްދުތައް ފުލުހުން ޗެކް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުރަބަންދުގެ މުއްދަތުގައި އޭޕްރީލް މަހުގެ 219 ޕަރމިޓް ވަނީ ޗެކްކޮށްފައިވާއިރު އަދި މިދިޔަ މެއިމަހު 20508 ޕަރމިޓެއް ވަނީ ޗެކް ކޮށްފައެވެ. .

ކޯވިޑް-19 މާލެ ސަރަޙައްދުގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ފުލުހުން ދަނީ އަމަލީ ގޮތުން ބައިވެރިވަމުންނެވެ. އެގޮތުން ޕަރމިޓް ދޫކުރުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް މަގުމަށްޗަށް ނުކުމެ އުޅޭ ފަރާތްތަކަށް ހުއްޓުވާ ފިޔަވަޅުވެސްދަނީ އަޅަމުންނެވެ.

މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ފުރަބަންދުގެ ޙާލަތުގައި އެކިއެކި ބޭނުންތަކަށް ބޭރަށް ދިއުމަށާއި، ޚިދުމަތްތައް ދިނުމަށް ދޫކުރާ ހުރިހާ ހުއްދައެއް ދޫކުރަމުން ދަނީ ފުލުހުންގެ މުއައްސަސާއިންނެވެ. އޭގެ ކުރިން ފުލުހުން ދޫކުރަމުން ދިޔައީ، ޢާންމު ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް،ފިހާރަތަކަށް ދިއުމުގެ ހުއްދަ އެކަންޏެވެ. އަދި މިހާރު އޮފީސްތަކާއި ވިޔަފާރީގެ އެކި ބޭނުންތަކަށް ތަންތަން ހުޅުވުމުގެ ހުއްދައަށް އެދެންޖެހޭނީވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށެވެ.