ޚަބަރު

ކޯވިޑް-19 : މިދިޔަ މަހުގެ އެލަވަންސަށް އެދުމުގެ މުއްދަތު އިރުކޮށްފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން މޭ މަހުގެ އިންކަމް ސަޕޯޓް އެލަވަންސަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވާ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމާ ގުޅޭ އުސޫލުގެ ދަށުން އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް މަހާއި، މޭ މަހާއި އަދި ޖޫން މަހަށްކަމަށެވެ. އަދި މިދިޔަ މަހުގެ އެލަވަންސަށް އެދި ހުށަހެޅުމުގެ ސުންގަޑި މިއަދަށް ހަމަވިނަމަވެސް ވީހާވެސް ގިނަ ފަރާތްތަކަކަށް ފުރުޞަތު ދިނުމުގެ ގޮތުން މިމުއްދަތު އިތުރު ކޮށްފައިވާކަމަށެވެ.

އެހެންކަމުން މޭ މަހުގެ އެލަވަންސަށް އެދި ހުށަނާޅާ ފަރާތްތަކަށް އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު އިކޮނޮމިކް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އަދި އޮންލައިންކޮށް ހުށަހެޅުމަށް އުޒުރުވެރިވާ ފަރާތްތަކަށް، އެޕްލިކޭޝަން ފޯމް ފުރުމަށްފަހު، އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވަޒީފާއިން ވަކިކޮށް އިނާޔަތް ކުޑަކުރި މީހުންގެ ތެރެއިން އެލަވަންސަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް މިމަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 1.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އަދި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 618 މީހަކަށާއި އަމިއްލަ މަސައްކަތްތެރިންގެ ތެރެއިން ލޯނަށް އެދުނު 230 މީހަކަށް ލޯނު ދޫކުރުމަށް ވަނީހުއްދަ ދީފައެވެ.