ޚަބަރު

ކޯވިޑް-19 : ޤައުމީ ފެންވަރުގައި "އެންޓިބޮޑީ ޓެސްޓް" ހެދުމަށް ތައްޔާރުވަނީ!


ޤައުމީ ފެންވަރުގައި "އެންޓިބޮޑީ ޓެސްޓް" ހެދުމަށް ތައްޔާރުވަމުންދާކަން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ސިއްޙީ ޚިދުމަތްދޭ އަމިއްލަ ބައެއް ތަންތަނުގައި "އެންޓިބޮޑީ ޓެސްޓް"ކުރުމަށް ފުރުޞަތު ނުދިނުމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވީ، މި ޓެސްޓު ހެދުމުގައި ވަރަށް ގިނަ ވައްތަރުތައް ހުންނަކަމަށެވެ. ކޯވިޑް-19އާ ގުޅިގެން މިހާރު ހަދަމުން އަންނަ "އެންޓިބޮޑީ ޓެސްޓް"އަކީ ބަލިޖެހި ރަނގަޅުވެފައިވާ މީހެއްތޯ ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުވީ، މި ޓެސްޓުގައި ހަށިގަނޑަށް ގެއްލުންންވާ ޓެސްޓްތަކެއް ހުންނަކަމަށާ، އެފަދަ ޓެސްޓްތަކެއް ބައެއް ޤައުމުތަކުގައި ހަދަމުން ގޮސްފައިވާކަމަށެވެ. އަދި ބައެއް ޤައުމުތަކުގައި މި ޓެސްޓް ހެދުން މިހާރު ހުއްޓަލާފައިވާކަން ފާހަގަކުރައްވައި ޑޮކްޓަރ ނަޒްލާ ވިދާޅުވީ، ރާއްޖޭގައި ހަދާ "އެންޓިބޮޑީ ޓެސްޓް"އަކީ ވަކި ޚާއްޞާ މިންގަނޑުތަކެއްގެ ތެރެއިން ޚާއްޞަ އުސޫލަކުން ހަދަމުން އަންނަ ޓެސްޓެއްކަމަށެވެ. މިޓެސްޓް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހެދުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި، ޤައުމީ ފެންވަރުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަމުން އަންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެންޓިބޮޑީ ޓެސްޓް ހެދޭނެ އިންތިޒާމް އަތޮޅުތަކުގައި ވަރަށްއަވަހަށް ޤާއިމްކުރެވޭކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

"މިއީ ޚާއްޞަ ޙާލަތެއް. އެހެންކަމުން ޤައުމީ ފެންވަރުގައި ކުރެވޭނެ އިންތިޒާމް ސެންޓްރަލީ މެނޭޖުކުރަމުންދަނީ. އެތައް ބައިވަރު އެންޓިބޮޑީ ޓެސްޓް އެބަހަދާ، އަދި ބައެއް ޤައުމުތަކުގައި ހުއްޓަލާފައިވެސްވޭ. މިކޮޅުގައި ކުރާ އެންޓި ބޮޑީ ޓެސްޓަކީ ވަކި ސްޓޭންޑެއްގައިކުރާކަމެއް. އެކަން ހިފަހައްޓާނަން. އަތޮޅުތެރެއަށް އެންޓިބޮޑީ ޓެސްޓިން ފުޅާކުރުމުގެ ވިސްނުން އެބަގެންގުޅޭ. އެގޮތުން ވަރަށް އަވަހަށް އެބަ ބަލަން އަތޮޅުތެރޭގަވެސް ކޮންމެ އަތޮޅަކުންވެސް އެންޓިބޮޑީ ޓެސްޓިން ހަމަޖެހޭނެ އިންތިޒާމް އެބަކުރިއަށްދޭ." ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.

ޑޮކްޓަރ ނަޒްލާ ވަނީ، މާލޭގައި ތިބި މީހުންގެ ތެރެއިން އަތޮޅުތަކަށް ދާން ބޭނުންވާ މީހުން، ހޯމް ކަރަންޓީން ކުރެވޭގޮތަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީފައިވާއިރު، އަތޮޅުތަކަށް ފޮނުވޭ ކޮންމެ މީހަކީވެސް އެންޓި ބޮޑީ ޓެސްޓް ހެދޭނެ މީހެއްކަމަށެވެ. އަދި އެ ޓެސްޓް ހެދުމަށްފަހު ޕޮޒިޓިވް ވެއްޖެނަމަ އެމީހަކަށް ރަށަށް ދިއުމުގެ ފުރުޞަތު ނުލިބޭނެކަމަށާ، އަތޮޅުތަކަށް ދިއުމަށްފަހުވެސް 24 ދުވަސްފަހުން ކޮންމެ މީހެއްގެ އެންޓި ބޮޑީ ޓެސްޓް ހެދޭނެކަމަށެވެ. އަތޮޅުތަކަށް ފޮނުވާ ރައްޔިތުންގެ އެންޓި ބޮޑީ ޓެސްޓް ހަދަމުންދަނީ މަލޭގައި ސޯޝަލް ސެންޓަރުގައެވެ.