ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަކެތި ފޯރުކޮށްދިނުމަށް އެމްޓީސީސީން 424 ދަތުރުކޮށްފައިވާކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކޯވިޑް-19ގެ ހާލަތުގައި އެމްޓީސީސީގެ ޓީމު ކުރީ ސަފުގައި ކުރީ ބުރަ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ލޮޖިސްޓިކަލް ސަޕޯޓުގެ ގޮތުގައި ތަންތަނަށް ތަކެތި ފޯރުކޮށްދިނުމުގައި އެއްގަމުމަގުންނާއި ކަނޑުމަގުން ގިނަ ދަތުރުތަކެއްކޮށްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
"ކޯވިޑްގެ މަސައްކަތް ފެށުނީސުރެންވެސް ވަރަށް ގާތުން އެންޑީއެމްސީ، އެންއީއޯސީ އަދި އެމްއެންޑީއެފްއާއި އެކު ގާތުން މަސައްކަތް ކުރަމުން މިދަނީ. އެގޮތުން މިއަދާއި ހަމަޔަށް 424 ދަތުރު މިވަނީ ކޮށްފައި. އެކި ލޮޖިސްޓިކްސް މަސައްކަތައް... މިއީ އަޅުގަނޑުމެންގެ މުވައްޒަފުން ވަރަށް ބޮޑު ރިސްކް ނަގައިގެން ކޮށްދީފައިވާ ބުރަ މަސައްކަތެއް. ފާހަގަކުރަންޖެހޭ މުވައްޒަފުންނަށް އެމްއެންޑީއެފް އަދި ފުލުހުންގެ އެއްބާރުލުން ލިބުނު. މުވައްޒަފުން މިމަސައްކަތައް ޓްރެއިން ކުރި" އާޒިމް ވިދާޅުވިއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއިން މިކަމުގައި ކުރީ ލޮޖިސްޓިކްސް މަސައްކަތް އެކަނި ނޫންކަމަށެވެ. ކޮންޓެކްޓްވެފައި ތިބި މީހުން ފެސިލިޓީތަކަށް ބަދަލުކުރުމާއި، ޕޮޒިޓިވް މީހުން ފެސިލިޓީތަކަށް ބަދަލްކުރުމުގައިވެސް އެމްޓީސީސީއިން މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިމަސައްކަތްތަކުގެ އިތުރުވެސް އެމްޓީސީސީއިން ހުއްޓުމެއް ނެތި ފެރީގެ ހިދުމަތްތައް ދިނުމުގައިވެސް ފުރަބަންދުގެ ދުވަސްތަކުގައި މަސައްކަތް ކުރަމުންދިޔަކަމަށެވެ.
"އަޅުގަނޑުމެންގެ ފެރީ ނިޒާމް ހުއްޓާނުލާ ކުރިޔަށް ގެންދިޔައިން. ހާއްސަކޮށް ވިލިގިނލި ފެރީ ނިޒާމަކީ ކުރިޔަށް ނުގެންގޮސްފިއްޔާ ރައްޔިތުންނަށް ދަތިތަށް ވާނެތީ އެކަން ކުރިޔަށް ދިޔަ. ވިލިގިނލީ މަސައްކަތް ކުރުމަށް އައިސޮލޭޝަން ފެށިލިޓީއެއް ހަދާ މުވައްޒަފުން ބައިތިއްބައިގެން ކުރިޔަށް ގެންދިޔައީ. ހުޅުމާލޭގައިވެސް މިގޮތަށް މުވައްޒަފުން ބައިތިއްބައިގެން ކުރިޔަށް ގެންދިޔައީ." އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މިމުއްދަތުގައި ލޮޖިސްޓިކްސް މަސައްކަތުގެ ތެރެއިން ކާބޯތަކެތި ރަށްރަށަށް ގެންދިއުމަށް ފެރީ ނިޒާމް ހުއްޓުމެއް ނެތި ކުރިޔަށް ގެންދިޔައީ އެލްޖީއޭއާއި ކައުންސިލްތަކާއި ގުޅިގެން، އެފަރާތްތަކުން ބޭނުން ދުވަސްތަކެއްގައި ކަމަށެވެ. އަދި މިހުރިހާ ކަމެއް ކުރެވުނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށެވެ.