ކޯވިޑް-19އާ ގުޅިގެން މާލޭގައި ތާށިވެފައިތިބި މީހުންގެ ތެރެއިން އަމިއްލަ ރަށަށް ގޮސް ރަށުގައި ކަރަންޓީންވާން ބޭނުންވާ އިތުރު 100 މީހަކު މަދަމާ ފުރުވާލުމަށް ހަމަޖެހިފައިވާކަމުގައި އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މާދަމާ ފުރުވާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ 50 މީހަކާއި، ފުވައްމުލައް ސިޓީގެ 50 މީހެއްކަމަށެވެ. މީގެ ތެރެއިން އައްޑުއަށްދާ މީހުން މިއަދު ކޯވިޑް-19އަށް ޓެސްޓްކޮށްފައިވާކަމަށާ، ފުވައްމުލަކަށްދާ މީހުން މާދަމާ ހެނދުނު ޓެސްޓްކުރަން ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ރަށްރަށަށް ދާންބޭނުންވެފައިވާ މީހުންގެ ތެރެއިން 42 މީހަކު ރޭވެސްވަނީ އައްޑުއަށް ފުރުވާލާފައެވެ. މާލެއިން ރަށްރަށަށް ދިއުމަށް ނޯޓްކުރި މީހުންގެ ތެރެއިން ހޯމް ކަރަންޓީނަށް ގެންދަންޖެހޭ 2369 މީހަކު ތިބިކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނަ ވިދާޅުވީ ރަށްރަށަށް ދާންބޭނުންވި މީހުންގެ ތެރެއިން 3061 މީހަކު ރިސޯޓް ކަރަންޓިން ފެސިލިޓީސްތަކަށް ގެންދެވި 628 މީހަކު ކަރަންޓީން މުއްދަތު ހަމަވުމުން ޓެސްޓްކޮށް ރަށްރަށަށް ގެންގޮސްފައިވާކަމަށެވެ.
ކޯވިޑް-19އާ ގުޅިގެން މާލެއިން، ފުރަބަންދުގައިވާ މީހުން ރަށްރަށަށް ގެންދިއުމަށްފަހު ގޭގައި ކަރަންޓީނުކުރާނެ އުސޫލެއް އެކުލަވާލައި މިހާރުވަނީ އާއްމުކޮށްފައެވެ. މި އުސޫލުގެ ދަށުން ކައުންސިލްތަކަށް ބައެއް ކަންކަން މަތިކޮށްފައިވެއެވެ.
ހޯމް ކަރަންޓީނާ ގުޅިގެން އެޗްޕީއޭއިން އެކުލަވާފައިވާ އުސޫލުގައި ބުނެފައިވަނީ ރަށަށްގޮސް މީހަކު ކަރަންޓީނުވާ ގެއެއްގައި ޢުމުރުން 60 އަހަރުން މަތީގެ މީހުންނާއި މާބަނޑުމީހަކު އުޅެގެންނުވާނެ ކަމަށެވެ. މީގެއިތުރުން ތަފާތު އެކިބަލިތަކުގެ ތެރެއިން ނޭވާ ހިއްލުމާއި، ކިޑްނީގެ ބަލި ހުންނަ މީހުންނާއި، ހަކުރު ބައްޔާއި، ހީމޯގްލޯބިން ޑިސްއޯޑާރ، އިމިއުނޯ ކޮމްޕްރޮމައިޒްޑް، ލިވަރ ޑިޒީޒް އަދި ހިތުގެ ބަލިތައް ފަދަ ބަލިތައް ހުރި މީހަކު ހުރި ގެއަކަށް ވެގެން ނުވާނެއެވެ.
ރަށްރަށަށް ގޮސް ގޭގައި ކަަރަންޓީނުވާ މީހުން ކަރަންޓީނުގައި 24 ދުވަހު ތިބެންޖެހެއެވެ. އަދި 24 ދުވަސް ހަމަވުމަށްފަހު ކަރަންޓީނު ދޫކޮށްލާނީ ޓެސްޓް ހެދުމަށްފަހުއެވެ.