ރާއްޖޭގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ ހާލަތު ލުއިކުރުމުން 28 މަޝްރޫއެއްގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފުރަބަންދަށް ދިއުމުންވެސް އެމްޓީސީސީއިން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލާފައި ނުވާކަމަށެވެ.
މިގޮތުން ރާއްޖޭގެ 35 ރަށެއްގައި 42 މަޝްރޫޢެއްގެ މަސައްކަތް އެމްޓީސީސީއިން ހުއްޓުމެއް ނެތި މިދިޔަ މުއްދަތުގައި ކުރަމުންދިޔަކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިގޮތުން ކުރިޔަށް ގެންދިޔައީ ފުރަބަންދަށް ދިއުމުގެ ކުރިން ފަށާފައި ހުރި މަޝްރޫތަކާއި، ބޭރުން ތަކެތި ގެނެސްގެން ކުރަންޖެހޭ މަސައްކަތްތައް ނޫން އެހެން މަސައްކަތްތައްކަމަށެވެ. އަދި ފުރަބަންދުގެ ހާލަތު އެކުގައި ލުއިކޮށް، ރަށްރަށަށް ދާން ފެށުމުން އިތުރު 18 މަޝްރޫއެއްގެ މަސައްކަތް ފަށާނެކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން ހުރީ އީއައިއޭ ނިމުނުހާ އަވަހަކަށް ރަށްރަށަށް ގޮސް ގިނަ މަޝްރޫތަކެއް ފެށުން. މިއިން ކޮންމެ ޕްރޮޖެކްޓްސްއަކީ ވަކި މުއްދަތެއްގައި ނިންމަން ހަވާލްކޮށްފައިވާ މަސައްކަތްތައް. އެހެންވެ އެމަސައްކަތްތައް ނިންމަން އަންގާފައި ހުރި މުއްދަތުގައި ނިންމަން މަސައްކަތް ފަށާނަން. ދަތުރުފަތުރު ހުއްޓުނީމަ މިފަދަ މަޝްރޫތަކަށް ހުއްޓުމެއް އައި. ނަމަވެސް މަސައްކަތް ފެށިފައިހުރި އަދި އެތަނެއްގައި ކުރެވެން ހުރި މަޝްރޫތައް ހަމަދިޔައީ ކުރިޔަށް" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ވޭތުވެދިޔަ 2-3 މަސްދުވަހުގެ ތެރޭގައި އެމްޓީސީސީގެ މަޝްރޫތައް ކުރިޔަށް ދިޔަޔަސް، ދަތުރުފަތުރު ހުއްޓުމުން ކުޑަ މަޑުޖެހުމެއް އައިކަމަށެވެ. ނަމަވެސް ރޭވުންތެރިކަމާއެކު އެމްޓީސީސީގެ ހީވާގި މުވައްޒަފުންގެ މަސައްކަތުން ގިނަ މަސައްކަތްތަކެއް ނުހުއްޓި ކުރިޔަށް ދިޔަކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުވާލެވިގެން މުދާ އެތެރެކުރުމުގެ ފުރުސަތު ލިބެން ފެށުމުން ދެން ހުރިހާ މަސައްކަތެއް އަވަސް މިނެއްގައި ކުރިޔަށް ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.