ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށައިފިއެވެ.
އައިޖީއެމްއެޗް އިން ވިދާޅުވީ ކޯވިޑް19 އަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ މިފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކަށް ފަރުވާދޭން ފަށާފައިވަނީ މިއަދު ހަވީރު 5:30 އިން ފެށިގެން ފެށިގެންކަމަށެވެ. އެހެންނަމަވެސް އެކަމުގެ މާބޮޑު ތަފްސީލެއް އެ ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
ސިފައިންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ހުޅުމާލޭގައި ޤާއިމުކުރި މެޑިކަލް ފެސިލީޓީަކީ 290 އެނދުގެ ހޮސްޕިޓަލެކެވެ. މިދިޔަ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު ޤައުމީ ދިފާއީ ބާރުގެ ބެލުމުގެ ދަށުން ތަރައްޤީކުރަން ފެށި ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އިމާރާތުގެ މަސައްކަތް ނިންމާ އެތަން އައި.ޖީ.އެމް.އެޗްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. މިތަން ތަރައްޤީކޮށްފައިވަނީ 5 ބުލޮކް ހިމެނޭ ގޮތަށެވެ.
ކޯވިޑް 19 ބަލީހައި ހާލު ބޮޑުވާ މީހުންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ އިތުރުން ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. ކޯވިޑަށް ރާއްޖެއިން މިހާތަނަށް 1900 ވުރެ ގިނަ މީހުންވަނީ ޕޮޒިޓިްވެފައެވެ. އޭގެތެރެއިން 16 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން 773 މީހުން ވަނީ އެއްކޮށް ބަލިން ރަނގަޅުވެފައެވެ.