ޚަބަރު

ނޫސްމަޖައްލާތައް އޮންލައިންކޮށް ރަޖިސްޓްރީކޮށްދޭން ފަށައިފި


ނޫސްމަޖައްލާ ރަޖިސްޓްރީކޮށްދިނުމުގެ ޚިދުމަތް ހޯމް މިނިސްޓްރީން އޮންލައިންކޮށް ދޭންފަށައިފިއެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ، ނޫސްމަޖައްލާއެއް ރަޖިސްޓްރީން ކުރަން ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު ފުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ސްކޭންކުރުމަށްފަހު ޕީ.ޑީ.އެފް ފައިލްތަކެއްގެ ގޮތުގައި މިނިސްޓްރީގެ މީޑިއާ ސެކްޝަންގެ އީމެއިލް އެޑްރެހަށް މެއިލް ކުރުމުން، ރަޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންދަވާނެކަމަށެވެ.

ފޯމާއި އެއާއެކު ހުށަހަޅަންޖެހޭ ތަކެތި ބަލައިގެންފިކަމުގެ އީމެއިލެއް ފޯމު ހުށަހެޅި ފަރާތަށް ލިބޭތާ 7 ދުވަހުގެ ތެރޭގައި ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ ސިޓީއާއެކު ރަޖިސްޓްރޭޝަންގެ ތަފްސީލު އީމެއިލެއް ފޮނުވާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ކޯވިޑް-19އާ ގުޅިގެން އިޢުލާންކުރައްވާފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުން ޢާއްމު ޙާލަތަކަށް ބަދަލުވެ، ސަރުކާރުގެ އޮފީސްތަކުގެ ހިނގުން އިއާދަކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ ނިޔަލަށް، މިނިސްޓްރީން ދޫކޮށްފައިވާ ވަގުތީ ހުއްދަ އަދި ރަޖިސްޓްރީގެ ތަފްޞީލާއެކު 25 ރުފިޔާގެ ރެވެނިއު ސްޓޭމްޕް އަދި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ ހުށަހަޅަންވާނެކަމަަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ދާއިމީ ރަޖިސްޓްރީގެ އަޞްލު، މަސްއޫލުވެރިޔާއާ ހަވާލުކުރާނީ މި މަރުޙަލާ ފުރިހަމަކުރެއްވުމުންކަމަށްވެސް ހޯމް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ނޫސްމަޖައްލަފަދަ ތަކެތީގެ ޤާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ރަޖިސްޓްރީކުރެވޭ ނޫސްމަޖައްލާތައް ރަޖިސްޓްރީކުރުމާ އުވާލުމުގެ އެންމެހާ މަސައްކަތެއް ހަވާލުކުރެވިފައިވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒާއެވެ. އަދި މިމަސައްކަތް ޢަމަލީގޮތުން ކުރިއަށް ގެންދަނީ އެ މިނިސްޓްރީގެ މީޑިއާ ސެކްޝަނުންނެވެ.

އެގޮތުން މި ޤާނޫނުގެ ދަށުން ނޫސްމަޖައްލާތަކާއި އޮންލައިން ނޫސް ރަޖިސްޓްރީކޮށްދިނުނާއި، މަސްއޫލުވެރިޔާ ބަދަލުކުރުން، އެޑިޓަރ ބަދަލުލުކުރުން، ނޫހުގެ ނަމާއި ނަންބަރު ބަދަލުކުރުން، ނޫސް އުވާލުން އަދި ރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދަނީ ހޯމް މިނިސްޓްރީގެ ފަރާތުންނެވެ. ހޯމް މިނިސްޓްރީންގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ރަޖިސްޓަރކޮށްގެން 202 ނޫހާއި މަޖައްލާ އަންނަނީ ނެރެމުންނެވެ.