ދުނިޔެ

އަތް ދޮވެވޭ މެޝިނެއް އުފެއްދި ކުއްޖާއަށް ކެންޔާގެ ރައީސްގެ އެވޯޑެއް


އަތްދޮވުމަށް ބޭނުން ކުރެވޭނެ ލަކުޑި މެޝިނެއް ން އުފެއްދި ކެންޔާގެ އުމުރުން 9 އަހަރުގެ ކުއްޖަކަށް އެޤައުމުގެ ރައީސްދެއްވާ ޙާއްސަ އެވޯޑް ލިބިއްޖެއެވެ.

ކެންޔާގެ ރައީސް އުހޫރޫ ކެންޔާޓާގެ ފަރާތްޕުޅުން ޕްރެޒިޑެންޝަލް އެވޯޑް ދެއްވާފައި ވަނީ އެޤައުމުގެ ހުޅަނގުގައި އޮންނަ ބަންގޮމާ ކައުންޓީގެ އަވަށެއްކަމަށްވާ މުކްވާގައި ދިރިއުޅޭ އުމުރުން 9 އަހަރުގެ ސްޓެފަން ވަމުކޮޓާއަށެވެ. ޕްރެޒިޑެންޝަލް އޯޑަރ އޮފް ސަރވިސް ނުވަތަ "އުޒަލެންޑޯ އެވޯޑް" އަކީ ކެންޔާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިހާތަނަށް ކެންޔާގެ 68 ފަރާތަކަށް މި އެވޯޑް ލިބިފައިވާއިރު، ސްޓެފަން ވެފައި މިވަނީ މި އެވޯޑް ލިބުނު އުމުރުން އެންމެ ހަގު ކުއްޖާއަށެވެ.

ސްޓެފަން ވަނީ އެންމެ 4 ދުވަސްތެރޭ ސެމީ-އޮޓޮމެޓިކް އަތްދޮންނަ މެޝިނެއް އުފައްދާފައެވެ. އޭނާ މި މެޝިން ހަދާފައިވަނީ އޭނާގެ ބައްޕަ ކުޑަދޮރެއް ހަދަން ބަހައްޓާފައި ހުރި ލަކުޑިތަކަކާއި މޮހޮރު ބޭނުންކޮށްގެންނެވެ. އަދި ސްޓެފަން މިކަންކޮށްފައިވަނީ ކުޅޭ އެއްޗެހި ރޫޅާ ރާވާގޮތް ބަލައިގެނެވެ.

ސްޓެފަންގެ ބައްޕަ ޖޭމްސް ވަމުކޮޓާ ބުނިގޮތުގައި އޭނާގެ ދަރިފުޅަށް މިފަދަ މެޝިނެއް އުފެއްދުމުގެ ޚިޔާލު އައީ ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކާ ކުރަންވީ ކަންކަމާގުޅޭ މަޢުލޫމާތު ޓީވީ ޗެނަލެއްގައި ގެނެސްދިނުމުގެ ސަބަބުންނެވެ. އަދި އިންޖިނިއަރަކަށްވުމަކީ ސްޓެފަންގެ އަބަދުވެސް ދެކޭ ހުވަފެނެއްކަމަށެވެ.

"އަހަރުމެންގެ ޤައުމުގައިވެސް ކޯވިޑް-19 ފެތުރެން ފަށާފައިވާކަން ރައީސް އިޢުލާންކުރައްވަމުންވެސް އެންމެ ބޮޑަށް ބާރު އެޅިކަމަކީ އަމިއްލަ ސާފުތާހިރުކަމަށް ސަމާލުވެ، ވައިރަސްއިން ރައްކާތެރިވުމަށްޓަކާ ގިނަގިނައިން އަތްދޮވުމަށް. ކޯވިޑް-19ގެ މަޢުލޫމާތު އަބަދުހެން ޓީވީތަކުން ގެނެސްދޭން ފެށުމުން ދަރިފުޅު ބުނި އަތްދޮވުމަަށް ރައްކާތެރިގޮތެއް އެބައޮތޭ. ދެން އެއްދުވަހު އަހަރެން މަސައްކަތް ނިންމާފައި ގެއަށް އައިތަނުން ފެނުނީ ދަރިފުޅު މެޝިންގެ ސްޓްރަކްޗަރ ހަދަން ހުއްޓާ" ޖޭމްސް ބުންޏެވެ.

އާއްމުކޮށް ތައްޔާރުކޮށްފައި ހުންނަ ސިންކުތަކާ ޚިލާފަށް ސްޓެފަން އުފެއްދި މެޝިނުން އަތްދޮވުމަށް މެޝިނުގައި އަތްލާކަށް ނުޖެހެއެވެ. ބަދަލުގައި މެޝިން އޮޕަރޭޓް ކުރަންޖެހެނީ ފައިތިލަ ބޭނުންކޮށްގެނެވެ.

އެގޮތުން ސައިބޯނިލުމަށާއި، ފެނުން އަތްދޮވުމަށް ޙާއްސަ ދެ ފިޔަވަޅުގަނޑު މެޝިނުގައި ހަރުކޮށްފައިވެއެވެ. ފެން އެޅުމަށް ޚާއްސަ ޓޭންކަކާއި، ސިންކެއްގެގޮތުގައި ބޭނުންކުރާނެ ބޮޑު ޕްލާސްޓިކް ތަށްޓެއްވެސް ވަނީ މި މެޝިނުގައި ހަރުކޮށްފައެވެ. އަދި ތަށްޓަށް ޖަމާވާ ފެން ބޭރުކުރުމަށް ލޯވަޅެއް ތޮރުފާ، ދަގަނޑު ހޮޅިއެއް ވަނީ ހަރުކޮށްފައެވެ.

މި މެޝިން ޓެސްޓްކުރުމުގެ މަރުހަލާގައި އޭތި އެހާ ސްޓޭބަލް ނޫންކަން އެނގުމުން މެޝިނަށް ބޭނުންވާ ކުދިކުދި އެޑްޖެސްމަންޓްތައް ސްޓެފަން ގެނެސްފައިވަނީ އޭނާގެ ބައްޕަގެ އެހީތެރިކަމާއެކުއެވެ. މަސައްކަތް ފުރިހަމަކޮށް، މެޝިން ބޭނުންކުރަން ފެށުމާއެކު، މުކްވާ ވިލެޖުގެ ރައްޔިތުންގެ މެދުގައިވެސް މި މެޝިން ބޮޑު ސަމާލުކަމެއް ހޯދިއެވެ. އަދި އަޖުމަ ބެލުމަށް ގިނަ ބަޔަކު ސްޓެފަންމެން ދިރިއުޅޭ ގެއަަށް އަންނަމުންދެއެވެ.

ސްޓެފަންގެ މި މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން ކެންޔާގެ ރައީސްދެއްވާ ޙާއްސަ އެވޯޑް އޭނާއަށް ދީފައިވާއިރު، ބަންގޮމާ ކައުންޓީގެ ގަވަރުނަރު ވިކްލިފޭ ވަންގަމަޓީއާއި ކަގަމެގާ ކައުންޓީގެ ސެނެޓަރ ކްލިއޯފާސް މަލަލަހް ވަނީ ސްޓެފަންގެ ޕްރައިމެރީ އަދި ސެކަންޑްރީ ތަޢުލީމު ފުރިހަމަކުރުމަށް ސްކޮލަރޝިޕްގެ ފުރުޞަތުދެއްވާނެކަންވެސް ހާމަކޮށްފައެވެ.

"ދަރިފުޅުގެ މި މަސައްކަތުގެ ސަބަބުން އަހަރުމެންގެ ދިރިއުޅުން މިހާ ކުއްލި ގޮތަކަށް ބަދަލުވެދާނެކަމަށް އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން. އަނެއްކާ އާއްމު ޙާލަތަށް ކަންކަން ދިއުމުން ސްޓެފަންގެ ހުނަރާއި ޤާބިލުކަން އިތުރަށް ތަރައްޤީކޮށްދެވޭނެ ރަނގަޅު ފެންވަރުގެ ސްކޫލަކުން ސްކޮލަރޝިޕް ދެއްވާނެކަމަށްވެސް ގަވަރުނަރު ވިދާޅުވި" ސްޓެފަންގެ ބައްޕަ ބުންޏެވެ.

ކެންޔާގެ ރައީސް ދެއްވާ ޙާއްސަ އެވޯޑް ސްޓެފަންއަށް ލިބުން ވެގެންދާނީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް ސްޓެފަންއަށް އިތުރު ފުރުޞަތުތަކަކަށް ހުޅުވިގެންދާނެ ދޮރެއްގެ ގޮތުގައި އޭނާގެ ޢާއިލާއިން ދެކެއެވެ. އަދި އާއިލާއިން ތިބީ ފެކްޓްރީއެއް އުފައްދާ، އިންޖިނިއަރަކަށްވުމަށް ސްޓެފަންދެކޭ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމުގެ އުއްމީދުގައެވެ.