މިއަދަކީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ފުޑް ސެކިއުރިޓީގެ ދުވަހެވެ. މިދުވަސް މިއަހަރު ފާހަގަކުރަމުން އަންނައިރު ކޯވިޑް-19އާއި ގުޅިގެން ކާބޯތަކެތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރަން ޖެހިފައިވާކަމަށް އދ.ގެ ކާބޯތަކެއްޗާއިބެހޭ އިދާރާ ވޯލްޑް ފުޑް ޕްރޮގްރާމުން ވަނީ ބުނެފައެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތްކުރާ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ރައްކާތެރި ނޫންގޮތެއްގައި ހައްދާފައިވާ ކާބޯތަކެތި ބޭނުންކުރުމުގެ ސަބަބުން ޖެހޭ ބަލިތަކާއި މެދު ހޭލުންތެރިކުރުވުމާއި ކޮންމެ މީހަކީވެސް ދުޅަހެޔޮކޮށް ހުރުމަށް ބޭނުންވާ މިންވަރަށް ރައްކާތެރި ކާބޯތަކެއްޗަށް ވާސިލުވެވޭ މީހެއްކަން އިޤުތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ކަށަވަރުކުރުމަށެވެ. މީގެއިތުރުން ދެމެހެއްޓެނިވިގޮތެއްގައި ދުނިޔޭގެ ކާބޯތަކެތީގެ ނިޒާމު ވަރުގަދަކުރުމަށް ސިއްޙީ ގޮތުންނާއި އިޤްތިޞާދީގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާގައިވެސް މަސައްކަތްކުރުމަކީ މިދުވަސް ފާހަގަކުރަންފެށި މައިގަނޑު އެއް މަޤުސަދެވެ.
މިދުވަސް ފާހަގަކުރުމުގައި މައިގަނޑު 5 ދާއިރާއަކަށް ސަމާލުކަން ދިނުމަށްވަނީ ނިންމާފައެވެ. އެގޮތުން އދ.ގެ ކާބޯތަކެއްޗާއި ބެހޭ ޖަމްޢިއްޔާއިން ނިންމަވާފައި ވަނީ ކޮންމެ މީހަކަށް ބޭނުންވާ ރައްކާތެރި ކާބޯތަކެތި ފޯރުކޮށްދިނުމަކީ ސަރުކާރުތަކަށް ލާޒިމުކުރާ ކަމެއްގެ ގޮތުގައެވެ. އެގޮތުން ދުޅަހެޔޮކޮށް ހުރުމަށްޓަކައި ބޭނުންވާ ކާބޯތަކެތި ކޮންމެ މީހަކަށް ލިބޭކަން ސަރުކާރުތަކުން ކަށަވަރުކުރުމަށް މަސައްކަތްކުރަން ޖެހޭނެއެވެ.
ދެވަނަކަމެއްގެ ގޮތުން ރައްކާތެރިގޮތުގައި ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށް ބާރުއެޅުމަށް ވަނީ ނިންމަވާފައެވެ. މީގެ ދަށުން ކާބޯތަކެތީގެ ބާވަތް އުފައްދައި ފަރާތްތަކާއި އެކަމުގެ ވިޔަފާރި ކުރާ ފަރާތްތަކަށް މިކަން ކަށަވަރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ. މީގެއިތުރުން ވިޔަފާރިވެރިން ވިއްކާ ކާބޯތަކެތީގެ ބާވަތްތަކަކީ ރައްކާތެރި ބާވަތެއްކަން ކޮންމެހެން ޔަގީންކުރުމަށްވެސް ބާރުއަޅާފައި ވެއެވެ.
އދ.އިން ބާރުއަޅަމުންދާ ކަންކަމުގެ ތެރޭގައި ރައްކާތެރި ކާބޯތަކެތި ކެއުމުގައި ބޭނުންކުރާކަން ދެނެގަތުމަށް ވަނީ ތަކެތި ގަންނަ ފަރާތްތަކުގެ ކިބައިންވެސް އެދިފައެވެ. އެގޮތުން ކާބޯތަކެތި ގަންނައިރު އެއީ ރައްކާތެރިގޮތުގައި ހައްދާފައިވާ ބާވަތެއްކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ވަނީ އެދިފައެވެ. އަދި ފަހުކަމެއްގެ ގޮތުން އދ.އިން ވަނީ މިއީ އެންމެން ގުޅިގެން ކުރެވޭނެ މަސައްކަތެއްކަން ފާހަގަކޮށް މިކަމުގައި ހުރިހާ ފަރާތަކުން ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.
ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ކެއިންބުއިމުގައި ރާއްޖޭގައި ބޭނުންކުރާ ދަނޑުވެރިކަމުގެ އެކި ބާވަތްތަކަކީ ރައްކާތެރިގޮތުގައި ހައްދާ ތަކެއްޗަށް ހެދުމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް މެރިން ރިސޯސަސްއިން ވަނީ އެދިވަޑައިގަންނަވާފައެވެ. އެގޮތުން ކާބޯތަކެތީގެ ތެރެއިން މޭވާއާއި ތަރުކާރީ ވިއްކާއިރު ފީވެ ހަލާކުވެފައި ހުންނަ ތަކެތިން ހަލާކުވެފައިވާ ބައި ނަގާފައި އަނެއްކާ ވިއްކަން ނުބެހެއްޓުމަށް ވަނީ ގޮވާލައްވާފައެވެ. މިނިސްޓްރީން ވިދާޅުވީ މިކަން މިގޮތަށް ދިމާވަނީ ޖަރާސީމެއްގެ ސަބަބުންކަމަށާއި ރަނގަޅަށް ހުރި ބައިގައިވެސް ޖަރާސީމުގެ އަސަރު ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ތައްޔާރުކޮށް ވިއްކާ ކާބޯތަކެތީގެ އެކި ބާވަތްތަކަކީ އެންމެން އެއްމިންގަނޑެއްގައި އަދި ވިހަ މާއްދާތައް ނުހިމެނޭގޮތަށް ތައްޔާރުކުރާ ބާވަތްތަކަށް ހެދުމަށް ވެސްވަނީ އެގްރިކަލްޗަރުން ވަނީ ގޮވާލައްވާފައެވެ.
ކޯވިޑް-19 ގެ ސަބަބުން ދުނިޔޭގެ ފުޑް ޗެއިނަށް ބުރޫއެރުމާއި ގުޅިގެން ރާއްޖޭގައި ފުޑް ސެކިއުރިޓީ ކަށަވަރުކުރުކޮށް ފުޑް ސެކިއުރިޓީގެ ނިޒާމު ވަރުގަދަކުރުމަށް ސަރުކާރުން އަންނަނީ އަމިއްލަ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދަނޑުވެރިންގެ އަތުން ތަކެތި ގަތުމަށް ޚާއްސަ ކުންފުންޏެއް އުފައްދަވައި އެކުންފުނި މެދުވެރިކުރައްވައި ދަނޑުވެރިންއަތުން އަންނަނީ ތަކެތި ގަންނަމުންނެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރަން ބޭނުންވާ ފަރާތްތަކަށް ކޯވިޑާ ގުޅިގެން ވަނީ ރަށްތައް ދޫކޮށް އެކަން ކުރެވޭނެ ފުރުސަތުތަކެއްވެސް ފަހިކޮށްދެއްވާފައެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އެންމެން ގުޅިގެން ކުރެވޭނެކަމެކެވެ. އެކަން ކުރުމަށް ސަރުކާތަކުން ފެށިގެން ކާބޯތަކެތީގެ ބާވަތްތައް އުފައްދާ މީހާވެސް ޒިންމާ ނަގަން ޖެހެއެވެ. ހަމައެއާއެކު މިއީ ތަކެތި ގަތުމުގައި ޢާއްމުންވެސް ސަމާލުވާންޖެހޭކަމެކެވެ.