ދިފާއީ ނިޒާމް ރަނގަޅު މީހުން ކޯވިޑް-19 އިން ރަނގަޅުވުމުން ދޫކޮށްލާއިރު ބަލިހުރިތޯ ބެލުމަށްހަދާ ޕީސީއާރު ޓެސްޓު ނުހަދާގޮތަށް ނިންމައިފިއެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 ޖެހޭ މީހުން ދޫކޮށްލަނީ ބަލިން ރަނގަޅުވުމަށްފަހު ޕީސީއާރު ޓެސްޓްހަދާ އެމީހަކު ދެފަހަރަށް ނެގެޓިވްވުމުންނެވެ.
ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ، މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވާމީހުން ބަލިން ރަނގަޅުވީނަމަވެސް ގިނަ ދުވަސްތަކެއް ފާއިތުވާއިރުވެސް އެމީހެއްގެ ޕީސީއާރު ޓެސްޓް ޕޮޒިޓިވްކަމަށް ދައްކާކަމަށެވެ. އެގޮތުން އެމީހަކު ބަލިން ރަނގަޅުވާތާ ހަތަރު ނުވަތަ ފަސް ހަފްތާ ފަހުންވެސް ޕީސީއާރު ޓެސްޓް ޕޮޒިޓިވްވާކަމަށް ދައްކާކަމަށެވެ. ނަމަވެސް މި ބައްޔާގުޅޭގޮތުން ދާދި ފަހުން ހަދާފައިވާ ދިރާސާތައް ދައްކާގޮތުން ބަލިން ރަނގަޅުވެ ޕީސީއާރު ޓެސްޓުގެ ނަތީޖަ ޕޮޒިޓިވްވުމަކީ އޭނާގެ ސަބަބުން އެހެން މީހަކަށް ބަލި ފޯރާނެކަމެއް ނޫންކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.
" ފަހުގެ އައު ދިރާސާތަކުންދައްކާގޮތުގައި ޕީސީއާރު ޕޮޒިޓިވް ވުމުގެ މާނައަކީ ވައިރަސް އެކަކު ގައިން އަނެކަކުގެ ގަޔަށް ފޯރާފާނެކަމެއްނޫންކަމަށް. މިސާލަކަށް އިންފެކްޓިވް މީހެއް ނޫންކަމަށް. ޕީސީއާރަކީ ވައިރަސްގެ އެތިކޮޅެއްއާރުއެންއީ މެޓީރިއަލް އޭގެން ދެނެގަންނަނީ. އާދައިގެ ރޯގާ ޖެހިލާފަ ރަނގަޅުވާ މީހުން ގާތްގަނޑަކަށް 9 ވަރަކަށް ދުވަސް ތެރޭގައި އެއްކޮށްހެން ރަނގަޅުވާނެކަމަށް މި ދިރާސާތަކުން ދައްކަނީ. އެކަމުވެސް ބޮޑަށް ބަލިވާމީހުން 20 ދުވަސް ވަންދެން އޭނާގެ ހަށިގަޑުން އަނެއްމީހާގެ ހަށިގަނޑަށް ވައިރަސް ހިނގާފާނެކަމަށް ދިރާސާރަކުން ދައްކާ" ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑޮކްޓަރ ނަޒްލާ ވިދާޅުވީ ދިފާއީ ނިޒާމް ރަނގަޅު މީހުން ބަލިން ރަނގަޅުވުމުން އެއްވެސް އަލާމާތެއް ނެތުުމުން ޕީސީއާރު ޓެސްޓް ނުހަދާގޮތަށް ނިންމިނަމަވެސް އެޑްމިޓްކޮށްގެން ފަރުވާދޭމީހުންނާއި، ދިފާޢީ ނިޒާމް ދަށް މީހުންގެ ޓެސްޓް ހަދަމުންދާނެކަމަށެވެ.
" އޭގެ މާނައަކީ އޭނާގެ އަލާމަތްތައް ފެނުމަށްފަހު މަދުވެގެން 14 ދުވަސް ހަމަކުރަންވާނެކަމަށް. އެއްކޮށް އަލާމަތްތައް ރަނގަޅުވުމަށްފަހު މަދުވެގެން 3 ދުވަސްފަހުން ޓެސްޓް ނުހަދާ ދޫކޮށްލެވޭނެ. ނަމަވެސް އާދާއިގެ ރޯގާއެއްގައި ހުންނަ މީހެއްކަމަށްވަންޏާ، ބޮޑަށް ބަލިވެގެން ހޮސް؛ޕިޓަލްގައި އެޑްމިޓްކުރެވިގެން މަދުވެގެން 21 ދުވަސް ހަމަކުރަންވާނެ. އަދި ބަލިން ރަނގަޅުވުމަށްފަހު 3 ދުވަސް ހޭދަކޮށްފައި އެމީހެއް ދޫކޮށްލާނެ. މީގެ ފަހުން ދޫކޮށްލާއިރު ޕީސީއާރު ޓެސްޓެއް ނުހަދާނެ. ނަމަވެސް ދިފާޢީ ނިޒާމް ބަލިކަށި މީހުން، ނުވަތަ ބާރުގަދަ ބޭސް ބޭނުންކުރާނަމަ ޕީސީއާރު ޓެސްޓްހަދަމުންދާނެ"ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑޮކްޓަރ ނަޒްލާ ވިދާޅުވީ މިގެނައި ބަދަލާއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް ނުވަތަ ރިކަވަރީ ރޭޓް މަތިވާނެކަމަށެވެ. ރާއްޖޭގައި މިހާރުވެސް ކޯވިޑް ބަލިން ރަނގަޅުވެ މަސްދުވަހަކަށްވުރެ ގިނަ ދުވަސް ފާއިތުވި މީހުންވެސް ތިބިކަމަށް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.